ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިޔަށްގެންދާ ޕްރޮގްރާމްގައި ބައިވެރިނުވެ އިޖްތިމާއީ ތަންތަނުގައި ކައިބޮއި ހަދައި ދިރިއުޅޭނަމަ އެފަދަ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
މަގުމަތި ވެފައިވާ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ވަނީ ފަށާފައެވެ. އެ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރަމުން ގެންދާނީ އެ މިނިސްޓްރީ އާއި އެ ފަރާތްތަކާއި ދެމެދު ހެދޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިނިސްޓްރީން ބުނީ އެ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރަނީ ހާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެ ޕްރޮގްރާމްއާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ނެރެނު ބަޔާނެއްގައި ވަނީ، މަގުމަތިވެފައިވާ ހުރިހާ ފަރާތަކުންވެސް ޕްރޮގްރާމް ގައި އެއްބާރުލުން ދޭން އެދިފައެވެ.
ސަރުކާރުން އެ ފަދަ ޕްރޮގްރާމެއް އިޢުލާން ކުރުމުން ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާއި ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭ ގޮތަށް އުޅޭނަމަ އެފަދަފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅުއަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.