މީހުން ދިރިއުޅޭ ރަށްރަށުން ވަކިން ޚާއްސަކޮށް ބިން ހިއްކާފައި ހުރި ރަށްރަށުގެ ރައްޔިތުން ނޫން އެހެން ރައްޔިތުންނަށް ބިން ވިއްކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލްތަކުގެ ވިސްނުން ހުރި ގޮތް ބެލުމަށްފަހު އެކަމުގައި ކުރިޔަށްދާން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އަސްލަމް ވިދާޅުވީ، ތަނެއް ކުރިއެރުވުމަށް އެތަނެއްގައި ވަކިކަހަލަ ސިފަތަކެއް ހުންނަ ބަޔަކު ހަރުލުން އެއީ މުހިންމު ކަމެއް ކަމަށެވެ. އަދި ގޯތި ދިނުމުގައި ސަރުކާރުގެ ވިސްނުމެއް އެބައޮތްކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިހެން ވިދާޅުވީ ގައްދޫ ދާއިރާގެ މެމްބަރ އަހުމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ޒާހިރު އެއްސެވީ މީހުން ދިރިއުޅޭ ރަށްރަށުގައި ދިރިއުޅެވޭނެ ގޯތި ނެތުމުގެ ސަބަބުން އެމީހުންނަށް އަނބުރާ ރަށަށްނުދެވިފައިވާ މީހުންނަށް ހައްލެއް އޮތްތޯއެވެ.
އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން ޚާއްސަކޮށް ބިން ހިއްކާފައި ހުރި ރަށްރަށުގައި ކޮންމެސްމިންވަރެއްގެ ބިން އެރަށުގެ ރައްޔިތުން ނޫން އެހެން ރައްޔިތުންނަށް ވިއްކޭނެ އުސޫލެއް ގާއިމުކުރުމަށްފަހު އެކަން ކުރިޔަށް ގެންދިޔުމަށް ކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނަވާ ކޮމިޓީއެއްގެ ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑު ހަމަ ހިތާމަޔާއެކީގައި ދަންނަވަން. އަޅުގަނޑުމެން މި ވާހަކަ ދައްކާފައިވެސް އެއަށް ބައެއް ފަހަރު ތާއީދުކުރައްވާ ބޭފުޅުންވެސް އެބޭފުޅެއްގެ ރަށުގެ ކަންތަކުގައި ޖެހުނީމާ، އެ ރަށަކުން ހިލާ އިންޗިއެއްޗެސް އެހެން މީހަކަށް ލިބޭނެ ގޮތެއް ނުހަދާނަމޭ ބުނޭ އިނގޭތޯ އެހެންވީމާ، ގޯތިގެދޮރު، ގޯތި ޚާއްސަކޮށް ބަންޑާރައިން ރާއްޖޭގައި މިހާތަނަށް ރާއްޖެ ނޫނިއްޔާ ގައުމެއް ނޯވޭ ކަންނޭންގެ ބަންޑާރައިން ހިލޭ ބިންކޮޅެއް ދޭ. އެއީ އެކަމަކު ރާއްޖޭގައި ޕްރެކްޓިސްކުރަމުން އަންނަ އަދި މިހާތަނަށް މަސައްކަތްވެސް ކޮށްފައި އޮންނަ ގޮތެއް. އެ ގޮތް ކޮންމެހެން އުވާލުމެއް ނޫން ސަރުކާރުގެ ވިސްނުމަކީ .މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
އަސްލަމް ވިދާޅުވީ ސަރުކާރުން މިކަމުގައި ގެންގުޅޭ ވިސްނުމަކީ ކޮންމެސް ވަރަކަށް ބިމަކީ ވިޔަފާރިކުރެވޭ، މުއާމަލާތް ކުރެވޭ އެއްޗަކަށް ވުންކަމަށާއި އެހެން ރައްޔިތުންނަށްވެސް އެ ރަށްރަށުން ބިން ވިއްކައި ދިރިއުޅެވޭނެ ގޮތް ހެދުންކަމަށެވެ. އަދި ހިސާބުޖަހާލާއިރު މިކަމުން ފުދޭވަރަކަށް ފައިސާ ލިބޭނެކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ ރަށްރަށް ތަރައްޤީކުރުމަށްވެސް އިތުރު ބާރެއް ލިބޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.
އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި އޮތް އިންސްޓްރަކްޝަނަކީ އަޅުގަނޑުމެން ބިން ވިއްކުމުގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ މިކަމުގައި ފިކުރު ހުރި ގޮތަކާއި އަދި ކައުންސިލްތަކުގެ ވިސްނުން ހުރި ގޮތެއް ބަލާފައި މިކަމާއިގެން އަޅުގަނޑުމެން ކުރިޔަށްދާން. އެހެންވީމާ އަޅުގަނޑު އިއްޒަތްތެރި މެމްބަރު ތި ކުރެއްވި ސުވާލުގައި މިފުރުސަތުގެ ބޭނުންކުރަނީ އަޅުގަނޑުމެން މިކަމުގައި ކުރިޔަށްދާން މަޝްވަރާކޮށް ކުރެވޭނެ ގޮތަކަށް މިކަން ކުރަންވެފައި މިހާރު އޮތް ކަމަށް ދެކޭތީ މަޖިލީހުގެ ކޮމިޓީއެއްގައި ނަމަވެސް މިކަން ކުރިޔަށް ގެންދަން.މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްތަކެއްގައި ބިން ހުރި މިންވަރު ކަނޑައަޅާ ވިއްކޭނެ މިންވަރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިވަގުތު ވިއްކޭނެ ރޭޓްވެސް ކަނޑައަޅާފައިވާ ކަމަށާއި ބިން ވިއްކިއްޖެނަމަ އެ ރަށަކަށް ލިބޭނެ އާމްދަނީވެސް ކަނޑައަޅާފައި ހުންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މި މޭރުމުން ވާހަކަދެއްކެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން އެކަމަށް މަޝްވަރާކުރުމަށް މަހާސިންތާއެއް ނުވަތަ ބައްދަލުވުމެއް ނުވަތަ ވޯރކްޝޮޕެއް އިންތިޒާމުކުރާނެ ކަމަށެވެ.
ރަށްރަށުން ހިއްކާ ބިން ވިއްކައިގެން އެތަންތަނުން ގޯތި ދޫކުރުމާއި ބެހޭ ގޮތުން މީގެކުރިންވެސް އަސްލަމް ވަނީ މަޖިލީހުގައި ވާހަކަދައްކަވާފައެވެ. އަސްލަމް ވިދާޅުވެފައިވަނީ ހިއްކާ ބިން ހިލޭ ދިނުމުގެ ބަދަލުގައި އެތަންތަނުން ބިން ވިއްކައިގެން ބިން ދޫކުރުމުގެ އުސޫލެއް ރާއްޖޭގައި ގެންގުޅެންޖެހޭ ކަމަށެވެ.