މި ހިނގާ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 500،000 ފަތުރުވެރިންގެ އަމާޒަށް ވާސިލްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނަކަން ފާހަގަކޮށް ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައިވަނީ، ނިމިދިޔަ އަހަރާ އަޅާކިޔާއިރު ގިނަ މާކެޓްތަކުން އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި މިސްރު (%40+)، ކަޒަކްސްތާން (%24.4+)، ރަޝިއާ (%5+) ގެ އިތުރުން ބްރެޒިލް (%2.9+) އަދި ޔުކްރެއިން (%0.9+) މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބޯޑަރުުތައް ހުޅުވާލިފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް މަހުންމަހަށް އިތުރުވަމުން އަންނައިރު، ޑިސެމްބަރު 2 ގެ ނިޔަލަށް 79،627 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ އޮކްޓޫބަރު މަހުގެ ޖުމްލަ އަދަދަށްވުރެން މަތީ އަދަދެކެވެ. ޑރ. މައުސޫމް އުއްމީދުކުރައްވާ ގޮތުގައި، މި ހިނގާ ޑިސެމްބަރު މަހުގެ 16 ގެ ކުރިން މި އަދަދު ލައްކައަކަށް އަރާނެއެވެ.
ކޮވިޑް-19 އާ ގުޅިގެން މާރޗް މަހުގެ 27 ގައި ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި މަހުގެ 15 ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އަދި އަހަރުގެ މިހާތަނަށް 462،474 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ނިމިދިޔަ އަހަރުގެ ބަޖެޓު ހުށައެޅިއިރު، މި އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރި ދެ މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް، ސިނާރިއޯތަކެއް އެކުލަވާލާ މި އަދަދުތައް އަލުން މުރާޖައާކުރީ ކޮވިޑާ ގުޅިގެން ބޯޑަރުތައް ބަންދުކުރަންޖެހި، ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓާލަންޖެހުމާއި ގުޅިގެންނެވެ.