ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ ޢިނާޔަތަކީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަމަށް އެކަށީގެންވާ މިންވަރެއް ކަމަށް ނުވާތީ، އެފަރާތްތަކަށް ގްލީ ޢިނާޔަތުގެ ގޮތުގައި ދޭ ފައިސާގެ ޢަދަދު އިތުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ން ގޮވާލައިފި އެވެ.
އެޗްއާރުސީއެމްއިން މިހެން ބުނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގަ އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޝަރުއީ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަން ކަނޑަޢަޅައިފައި އޮތްނަމަވެސް، މިހާތަނަށްވެސް އެ ދަފްތަރު އެކުލަވައިލައިފައި ނުވާތީ، އެކަން ވީހާވެސް އަވަހަކަށް އެކުލަވައިލުމަށް އެޗްއާރުސީއެމުން ވަނީ އެދެފައެވެ.
މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒްގައި ތިބި ނެކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެދިފައިވެއެވެ. އަދި އެފަދަ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށާއި ދަތުރުފަތުރު ކުރުމާއި، ހިނގާބިނގާވެ އުޅުމުގަޔާއި، ތަންތަނަށް ވަދެނިކުމެ އުޅުމުގައި ފަސޭހަ ގޮތްތަކެއް އެކުލަވާލުމަށް ދައުލަތަށް އިލްތިމާސްކުރައްވާފައި ވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ގެއްލިގެން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 50 މައްސަލައެއް އެ ކޮމިޝަނަށްވަނީ ހުށައަޅާފައި ވާކަމަށް ބުނެފައިވެއެވެ. ކޮމިޝަނުން ބަލައިފައިވާ މައްސަލަތަކުގެ ތެރޭގައި ޤާއިލްގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުލިބުމުގެ މައްސަލަތަކާއި އިހުމާލުގެ މައްސަލަތަކާއި އަދި އާއިލާއިން އެދިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ މައްސަލަތައް ހިމެނެއެވެ.
މީގެއިތުރުން، ދައުލަތުގެ ފަރާތުން އިހުމާލުވެފައިވާ މައްސަލަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބެންވާ މާލީ އެހީތެރިކަން ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި އަދި ދައުލަތުގެބެލުމުގެ ދަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ނިންމުމުގެ ސަބަބުން ބަލާފައިވާ މައްސަލަތައްވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.