ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއްވެސް ރައްޔިތަކު ބާކީނުކޮށް އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށްވެސް ހިލޭ ވެކްސިން ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ލ. ގަމު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފް ކުރުމާއި، އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި ފުޓުބޯޅަ ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހު ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވުމަށް ދުނިޔޭގެ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އެ ބައްޔަށް ވެކްސިނެއް ހޯދުމުގެ އެންމެފަހުގެ މަރުހަލާތައް ނިމި، ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ގިނަ ގައުމުތަކުގައި ކުރަމުންދާ ކަމަށެވެ.
އަދި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީނުކޮށް އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ ވެކްސިން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވިއިރު، އެޗްއީއޯސީން ވަނީ ރާއްޖެއަށް ވެކްސިން ލިބި، ރައްޔިތުންނަށް ވެކްސިން ދޭން ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހު އަބްދުﷲ މާހިރު ވެސް ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީންނާއި ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާ ގުޅިގެން އުފެއްދި ކޮވިޑް ވެކްސިނާއި އެމެރިކާގެ މޮޑަރނާ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިން ރާއްޖެއަށް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޑރ. ޝާހު މާހިރު ވިދާޅުވި ގޮތުގައި، ކޮވިޑުގެ ވެކްސިން ލިބެންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ސްޓިއަރިންގ ކޮމިޓީއެއް އުފައްދައި، އެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން ވެކްސިން ދިނުމުގައި އިސްކަންދޭނެ އުމުރުފުރާތަކާއި ކެޓަގަރީތައް ދެނެގަނެވިފައިވާއިރު، ރާއްޖެއިން ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާތީ އާބާދީގެ 20 އިންސައްތަ މީހުންގެ ގަޔަށް ޖަހާ ވަރަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.