ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 21:52
އިނގިރޭސިވިލާތުން ހިންގި އަސްކަރީ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިނގިރޭސިވިލާތުން ހިންގި އަސްކަރީ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އަސްކަރީ ތަމްރީނު ޕްރޮގްރާމް
ޓެރަރިޒަމް ރެސްޕޮންސާއެކު ލީތަލް ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު ސިފައިންނަށް!
ދިފާޢީ އަދި ސަލާމަތީ ރޮނގުން، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އައު ބާބެއް ވަނީ ހުޅުވިފަ
ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު، އެމް.އެން.ޑީ.އެފް އަށް ދީފައިވާނެ
ޞުލްޙަވެރި ވެށްޓެއް ކަށަވަރުކޮށްދީ، މިވެށި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދޭންޖެހޭ

ސަރުކާރުން އެކުލަވާލައްވާފައިވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން، ޒަރޫރީ ޙާލަތެއްގައި، ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު ދިވެހި ސިފައިންނަށް ދީފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް)ގެ މެރިންސް އާއި ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓަރ ޓެރަރިސްޓް ކްލޯސް ކުއާޓަރ ބެޓަލް ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ބުރާސްފަތި ދުވަހު ހަވީރު، ލ.ކައްދޫގައި ހުންނަ އެމް.އެން.ޑީ.އެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑްގެ މައި މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، ދިފާޢީ އަދި ސަލާމަތީ ރޮނގުން، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމުގައި އައު ބާބެއް ހުޅުވިގެން ދިޔަކަން މި ތަމްރީނު ޕްރޮގްރާމުން ރަމްޒުވާކަން ފާހަގަކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ހިންގި އަސްކަރީ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ

ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށާއި އެއަށް އިޖާބަދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ މާރިޔާ ވަނީ، ސަރުކާރުން އެކުލަވާލައްވާފައިވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން، ޒަރޫރީ ޙާލަތެއްގައި، ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު، އެމް.އެން.ޑީ.އެފް އަށް ދީފައިވާކަން ފާހަގަކުރައްވާފަ އެވެ.

ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢަށްވެސް އާންމުވެފައިވާ ގޮންޖެހުމެއްކަމަށް ވިދާޅުވެ، މިނިސްޓަރ މާރިޔާ ވަނީ، މިގޮންޖެހުމާ ކުރިމަތިލުމުގައި ދޭދޭ ޤައުމުތަކުން، މިހާރަށްވުރެ ބޮޑަށް، އިންޓެލިޖަންސް ޙިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.

އިނގިރޭސިވިލާތުން ހިންގި އަސްކަރީ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ ދިވެހިރާއްޖޭގެ އިޤްޠިޞާދާއި، ދިވެހިރާއްޖޭގެ ރަށްތަކުންނާއި ރައްޔިތުންގެ ފަރާތުން، ފަތުރުވެރިންނަށް އަބަދުވެސް ލިބޭ ލާމަސީލު މެހެމާންދާރީއާއި އުފަލާއި ހިތްހަމަޖެހުމާ ހުރި ގުޅުން ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ޤައުމުގެ ރައްޔިތުންނަށް އަމާން، ޞުލްޙަވެރި ވެށްޓެއް ކަށަވަރުކޮށްދީ، މިވެށި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކައި، މިފަދަ ތަމްރީނު ޕްރޮގްރާމްތައް ވަރަށް މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޯޒްލަރ އާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި، ސެންޓްރަލް އޭރިޔާގެ ސިފައިންނާއި އިނގިރޭސިވިލާތުގެ ޓްރެއިނިންގ ޓީމުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

- ކޮމެންޓް