ކޯވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރަން ޖެހުމުން ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމުގެ މުހިންމުކަން އެނގިވަޑައިގެންފި ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވީ، ސަރުކާރުން ލ. އަތޮޅުގައި ކުރިއަށްގެންދިޔަ 3 މަޝްރޫއެއް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ވަކިން ޚާއްސަކޮށް، ލާމަރުކަޒު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ކާމިޔާބުވަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ދާއިރާއަށް ރައްޔިތުންގެ އިތުބާރު މިހާރު ލިބިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ، ރައްޔިތުންނަށް ތަކުލީފަކަށް ނުވެ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ލ. ގަމު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫއުގައި ހިމެނޭ، އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.
ރައީސް ޞާލިހު ވިދާޅުވީ، ގަމު ހޮސްޕިޓަލުގެ އައު އިމާރާތް ނިމި ޓާޝިއަރީ ފެންވަރަށް ހިދުމަތް ދޭން ފެށުމާއެކު، ހައްދުންމަތީގެ ސިއްހީ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ފަށާ ސީޓީ ސްކޭންގެ ޚިދުމަތަކީ، އެތަން ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރުކުރެވެނު މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ، އެކަމުގެ ސަބަބުން ޚިދުމަތް ހޯދަން މާލެއަށް ނުގޮސް، ރަށުގައި ތިބެގެން ނުވަތަ އެ އަތޮޅުން، ޚިދުމަތް ހޯދުމުގެ ފުރުޞަތު މިސަރަޙައްދުގެ ރައްޔިތުންނަށް ފަހިކޮށްދެވިފައިވާ ކަމަށެވެ.
އަދި ގަން ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ކުރާ މަސައްކަތާއެކު، ހިދުމަތުގެ ފެންވަރަށް ބޮޑެތި ބަދަލުތަކެއް އައިސް، ވަޒީފާގެ އިތުރު ފުރުސަތުތައް ވެސް ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.