ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 14:33
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް
ޔޫސުފް ސޮފްވާން ރަޝީދު
ސަލްމާން މިސްކިތް ހުޅުވާލުން
ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައަޅަން މަޝްވަރާތައް ދަނީ ކުރިއަށް - ޕްލޭނިންގ މިނިސްޓްރީ
މިސްކިތަކީ ހިލޭ އެހީގެ ދަށުން ބިނާކުރާ މިސްކިތެއް
ކުރިން ހުޅުވަން އޮތީ އޭޕްރީލް މަހު
މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ކާނިވާ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވާލާނެ ތާރީހެއް ކަނޑައެޅުމާއި ގުޅޭ ގޮތުން ކަމާއިގުޅޭ އިދާރާތަކާއި މަޝްވަރާ ކުރެވެމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސަލްމާން މިސްކިތުގެ ކޮންޓްރެކްޓްގައި ބަޔާން ވެގެންވާ ހުރިހާ މަސައްކަތްތަށް އެއްކޮށް ނިމިފައިވާ ކަމަށެވެ. ސަލްމާން މިސްކިތް ހުޅުވަން ކުރިން ނިންމާފައި އޮތީ އޭޕްރީލް މަހުއެވެ. އެކަމަކު ކޮވިޑު ފެތުރެން ފެށުމުން މާލެ ލޮކްޑައުން ކުުރުމާއެކު އެ މިސްކިތް ހުޅުވުން އޮތީ މަޑުޖެހިފައެވެ.

ނޮވެމްބަރު މަހު މިސްކިތް ހުޅުވަން އިސްލާމިކް މިނިސްޓްރީން ދިޔައީ ކުރަމުންނެވެ. މިސްކިތް ހުޅުވާލެވޭނެ އައު ތާރީހެއް ކަނޑައަޅަން އިސްލާމިކް މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީ ގުޅިގެން ސައުދީ ސަރުކާރާ ވާހަކަ ދައްކައިގެން ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގަ 40 ޖާގައިގެ ހަތަރު ކްލާސް ރޫމާއި، 15 ޖާގައިގެ ފަސް ސެމިނާ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް ކުރަމުންދަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މިސްކިތް ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ. އެ މިސްކިތުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިންނެވެ.

- ކޮމެންޓް