ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން ދިވެހިރާއްޖެއަށް މާސްޓަރސް ޑިގްރީގެ ހަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުރާސްފަތި ދުވަހު އާއްމު ކުރި އިއުލާނެއްގައި ބުނީ ޖޭޑީއެސް ގެ ފަރާތުން ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި، މި ސްކޮލަރޝިޕްތަކަށް ދަރިވަރުން ހުވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕްއަށް އެދި އެޕްލިކޭޝަން ފޯމު ހުށައެޅޭނީ 2021 ޖެނުއަރީ 17 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 ން 13:30 އަށެވެ. އަދި އެޕްލިކޭޝަން ފޯމު ހުށައަޅާނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއަށް ކަމަށެވެ.
މީގެ އިތުރުން ޖޭޑިއެސް ވެބްސައިޓްގައި މިސްކޮލަރޝިޕާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ތަކެތި ހަމަކުރުވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު އެޕްލިކޭޝަންގެ 3 ސެޓް ހުށައަޅަން ޖެހޭނެ ކަމަސްވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ނަން، އައިޑީ ކާޑު ނަންބަރު، އަދި ގުޅޭނެ ނަންބަރުގެ އިތުރުން ސްކޮލަރޝިޕްގެ ނަން އަދި ކޯހުގެ ނަން ލިޔަންވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްކޮލަރޝިޕްގެ ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށައަޅަންވީ ގޮތުގެ މަޢުލޫމާތުhttps://jds-scholarship.org/country/maldives/apply.htmlމި ލިންކުން ލިބޭނެއެވެ.