އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމުގެ އެއްބަސްވުމުގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެންސީބީ) މާލެ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބުދަ ދުވަހު ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރޕޯލް އެންސީބީ މާލޭގެެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަރޕޯލް އެންސީބީ މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އެމްއެމްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސްގެ ހެޑް އިބްރާހިމް ނާޞިރުއެވެ.
މި ރަސްމިއްޔާތުގައި ހެޑް އޮފް އިންޓަރޕޯލް އެންސީބީ މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި އިންޓަރޕޯލް އެންސީބީގެ މަސައްކަތްތައް ފުޅާކޮށް ބައިނަލްއަޤުވާމީ ގޮތުން ދިވެހިރާއްޖެއިން އިންޓަރޕޯލް އާއި ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ޓްރާންސްނޭޝަނަލް ކްރައިމްސްގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އިންޓަރޕޯލްގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދެއްވާނެކަމަށާއި އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯރސްތަކުގެ އެކްސެސް ލިބިގެން ދިއުމުން އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާޙިމް އަޙްމަދު ނަޞީރު މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެ އެއްބަސްވުމުގެ ދަށުން އެފްއައިޔޫ އަށް އިންޓަރޕޯލްގެ ޑޭޓާބޭސްތަކަށް އެކްސެސް ލިބިގެންދިޔުމަކީ އެފްއައިޔޫގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި އެފްއައިޔޫ އިން މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އާއިއެކު ވަރަށް ގާތްކޮށް މަސައްކަތްކުރަމުން ގެންދާކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ގާބިލްކަން އިތުރުކުމަށް އިސްކަމެއް ދެއްވާނެކަމަށާއި އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯސްތަކުގެ އެކްސެސް ހަމަޖައްސަވައި ދެއްވުމުގައި، އިންޓަރޕޯލް އެންސީބީ މާލޭގެ މުވައްޒަފުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ މާލެ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު ބުދަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ތެރެއިން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަރޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮރމޭޝަން ޑޭޓާބޭސްތަކާއި ލޯއެންފޯރސްމަންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުންކުރެވޭނެ ގޮތް މަގުފަހިވެގެންދާނެއެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބުމަށާއި އެކިއެކި ފައިނޭންޝަލް ކްރައިމްސް، މަނީލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންގގެ މައްސަލަތަކުގައި އެފްއައިޔޫ އަށް އިންޓަރޕޯލްގެ އެހީތެރިކަން ލިބިގެންދާނެއެވެ.