ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް މިނިސްޓަރ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ ކަމަށާއި މިހިނގާ ޑިސެމްބަރު މަހުގެ 15 ގެ ކުރިން އެމްޓީސީސީން އެ މަސަކަތް ފަށާނެ ކަމަށެވެ. އަދި އެރަށަކީ ރަންވޭ ހަދާނެ ބިން އޮތް، ބިން ކްލިއަރ ކުރެވި، ރަންވޭގެ ބޭސް ލޭޔަރ މަސައްކަތް ފެށުމަށް ތައްޔާރުވެފައި އޮތްތަނެއް ކަމަށާއި އެހެންކަމުން އެމަސައްކަތް ނިންމުމަށް އެމްޓީސިސީ އަށް ނަގާނީ އަށް މަހާއި ދިހަ މަހާ ދެމެދުގެ މުއްދަތެއް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ފަހުކޮޅާއި ހަމައަށްދާންވާއިރަށް އެއަރޕޯޓްގެ މަސައްކަތް އެކީގައި ނިމި އަދި އެއަރޕޯޓް އެޅުމަށް ވަނީ ފަރެސްމާތޮޑާ އާ ގާތްގަނޑަކަށް 100 މީޓަރު ދުރުގައި އޮންނަ ރަށަކަށްވާތީ 100 މީޓަރު ތެރޭގައި ބްރިޖްވެސް ކޮށްދޭނެ ވާހަކަ އެއަރޕޯޓް މަސައްކަތާއި އެކީގައި ދަންނަވަން.
ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ނިންމިފައިވަނީ ބިން ހިއްކުމުގެ 30 އިން ސައްތަ މަސައްކަތެވެ. ބިން ހިއްމުމުގެ 70 އިން ސައްތަ މަސައްކަތް ނިންމާފައި ވަނީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުގައެވެ.
ފަރެސްމާތޮޑާގައި ތަރައްޤީ ކުރާ އެއަރޕޯޓްގެ މަޝްރޫއު އަކީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 600 ދުވަހުގެ ތެރޭގައިއެވެ. މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއެއް އެޅުމާއެކު ޓަރމިނަލް އިމާރާތް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.