ކ. މާލެ
|
2 ޑިސެންބަރ 2020 | ބުދަ 18:30
އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް
އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް
ރާއްޖެއެމްވީ
އެފްއެސްއެމް
އެފްއެސްއެމްގެ ތެޔޮ ބޯޓުތަކާއި ބައުޒަރުތަކުގައި ބޭނުންކުރާ މީޓަރު ޑިޖިޓަލްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ގަސަމް
އަހަރު ފެށުމަށް ނިންމި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެމަސައްކަތް ވަނީ މަޑުޖެހިފައި
ވަރަށް އަވަހަށް ފަށައި، 2021 ވަނަ އަހަރު ނިމެންވާއިރަށް ޑިޖިޓަލް މީޓަރު ހަރުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލެވޭނެ
އެފްއެސްއެމްގެ ތެރެއިން ކޮރަޕްޝަނާއި ހިނާނާތް ހިންގުމަށް މަގުފަހިވާ ހުރިހާ ދޮރެއް ބަންދު ކުރާނެ ކަމަށް ވިދާޅުވި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓުތަކާއި, ތެޔޮ ބައުޒަރުތަކުގައި ޑިޖިޓަލް މީޑަރު ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީން އެފްއެސްއެމްގެ މެނޭޖްމަންޓްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ، އެފްއެސްއެމްގެ ތެޔޮ ބޯޓުތަކާއި ތެޔޮ ބައުޒަރުތަކުގައި ޑިޖިޓަލް މީޓަރު ހަރުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ކުރިން ނިންމި ނަމަވެސް ކޮވިޑް-19 އާގުޅިގެން އެމަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެމަސައްކަތް ފަށައި، 2021 ވަނަ އަހަރު ނިމެންވާއިރަށް އެ މަސައްކަތުގެ ބޮޑުބައެއް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގަސަމް ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ، ކުރިން ވިސްނާފައި އޮތީ، ހަމައެކަނި އެފްއެމްއެސްގެ ތެޔޮ ބޯޓުތަކުގައި ބޯޓު އޮތްތަން އަންގައިދޭ "ޓްރެކަރ" އާއި ޑީޖިޓަލް މީޓަރު ހަރުކުމަށް ކަމަށެވެ. ނަމަވެސް އެމްޕީއެލްގެ ތެރެއިން އެފްއެސްއެމްގެ ތެޔޮ ބައުޒަރުގެ މުވައްޒަފުންނާ ގުޅިގެން ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ހިޔާނާތް ފެންމަތިވުމުން، ތެޔޮ ބައުޒަރުތަކުގައި ވެސް ޑިޖިޓަލް މީޓަރު ހަރުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. ގަސަމް ވިދާޅުވީ، އެ ޕްރޮޖެކްޓް ނިމުމުން، އެ ސިސްޓަމް މެދުވެރިކޮށް، ތެޔޮ ސަޕްލައިކުރި ތަނާއި ތެޔޮ ސަޕްލައިކުރި މިންވަރު އެނގިގެންދާނެ ކަމަށެވެ.

ގަސަމް ވިދާޅުވީ، އެފްއެސްއެމްގެ ތެރެއިން ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް މިހާރު އެފްއެސްއެމްގެ ތެރެއިން ނުހިންގޭނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފި މުވައްޒަފަކާމެދު ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް އެފަދަ ތުހުމަތު ކުރެވިގެން 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ގަސަމް ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ، އެމްޕީއެލްގެ ތެރެއިން ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ތެލުގެ ވަގު ވިޔަފާރީގައި އެފްއެސްއެމްގެ ތެޔޮ ބައުޒަރުގައި އުޅޭ ބައެއް މުވައްޒަފެއް ބައިވެރިވި ކަމުގެ ތުހުމަތުގައި ކުރެވޭތީ އެމުވައްޒަފު ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. އަދި އިތުރަށް ބެލުމަށްފަހު، އިތުރު މުވައްޒަފުން އެކަމުގައި ބައިވެރިވާނަމަ، ފިޔަވަޅު އަޅަމުން ގެންދަވާނެ ކަމަށްވެސް ގަސަމް ވިދާޅުވި އެވެ.

މީގެއިތުރުން ގަސަމް ވިދާޅުވީ، ތެޔޮ ސަޕްލައި ކުރުމުގައި، މީގެކުރިން ދިމާވި ގިނަ މައްސަލަތައް މިހާރުވެސް ހައްލުކޮށްފައިވާ ކަމަށެވެ. އެގޮތުން، އާންމުކޮށް ރިސޯޓްތަކަށް ތެޔޮ ސަޕްލައިކުރަންދާ އެފްއެސްއެމްގެ ތެޔޮ ބޯޓުން ހަދަމުންދާ މަކުރުގެ ވާހަކަތަކާއި ގުޅިގެން، ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ގަސަމް ވިދާޅުވީ މިހާރު އެފްއެސްއެމްގެ ތެޔޮ ބޯޓެއް ރިސޯޓަކަށް ނުވަތަ ރަށަކަށް ތެޔޮ ސަޕްލައި ކުރުމަށްފަހު، އެ ރިސޯޓުން ނުވަތަ އެރަށަކުން ފުރައިގެން އާދެވޭނީ، އެ ރިސޯޓްގެ ނުވަތަ އެރަށުގެ ކަމާބެހޭ ފަރާތަކުން ބޭނުންވާ މިންވަރަށް ތެޔޮ ލިބުނުކަން އެފްއެސްއެމްގެ ހެޑް އޮފީހުން ކަށަވަރު ކުރުމުން ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން 8 މިލިއަން ރުފިޔާގެ ތެލުގެ ވަގު ވިޔަފާރިއާ ގުޅިގެން އެސްއޯއީ ކޮމެޓީން ވަނީ އެފްއެސްއެމްގެ އިތުރުން އެމްޕީއެލްގެ ބޯޑު މެމްބަރުންނާއި އެކުންފުނީގެ އިސްވެރިން އެކޮމެޓީއަށް ހާޒިރުކޮށް، މައުލޫމާތު އޮޅުންފިލުވާފަ އެވެ.

އެމްޕީއެލަށް ފޯރުކޮށް ނުދޭ ތެލުން 8 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ އެމްޕީއެލްގެ ތެރެއިން ހިންގާފައިވަނީ އެފްއެސްއެމްގެ ބައެއް މުވައްޒަފުންނާ ގުޅިގެން ނެވެ. މިމައްސަލާގައި އެމްޕީއެލްގެ ޕަވަރހައުސްގެ މުވައްޒަފަކާއި ޕްރޮކިއުމަންޓްގެ ދެ މުވައްޒަފެކެވެ. މިމައްސަލައާ ގުޅިގެން އެފްއެސްއެމްގައި ތެޔޮ ބައުޒަރުގެ މުވައްޒަފެއް އެކުންފުނިންވެސް ސަސްޕެންޑް ކޮށްފައި ވެއެވެ.

- ކޮމެންޓް
3 ޑިސެންބަރ 2020 | ބުރާސްފަތި 12:18
އެފްއެސްއެމް ތެޔޮބޯޓް ތަކުން ވައްކަން ކުރަނީ އޮފީސްތެރޭގަތިބޭ ބަޔަކާވެސް ގުޅިގެންނެވެ.