ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 38 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސުހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑަށް 1،718 މީހަކު ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 34 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން ތިން މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓަކުން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި ވަގުތު ކޮވިޑް ޖެހިގެން 89 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 38 މީހުންނާއިއެކު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،027 އަރައިފައެވެ.
ރާއްޖެއިން މިހާތަނަށް 13،049 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 11،968 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި ރާއްޖެއިން މިބަލީގައި މިހާތަނަށް 47 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެކަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.