އެކި މަރުޙަލާތަކަށް ބަހާލައިގެން އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް ގެނައުން މަނާކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނު އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހުށައެޅުއްވި ބިލް ރައްޔިތުންގެ މަޖިލިހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ހުށައަޅުއްވަމުން އިކްރާމް ވިދާޅުވީ މި ބިލުގެ ބޭނުމަކީ، އިމްޕޯޓް ގާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، 1 ޖަނަވަރީ 2021 އިން ފެށިގެން ރާއްޖެއަށް ގެނައުން މަނާވާނެ ކަމުގައި ބަޔާންކޮށްފައިވުމުން، އެ މާއްދާގެ ދަށުން ކަނޑައަޅަންޖެހޭ ލިސްޓު ކަނޑައެޅުން ކަމަށެވެ.
މެމްބަރު ވިދާޅުވީ މި ބިލު ހުށައެޅުއްވީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށް އަސަރުކޮށްފައިވާއިރު 2021 ގައި ގިނަ އަދަދެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް އެކީ އެއްފަހަރާ ރާއްޖެއަށް އެތެރެކުރުން މަނާކުރުމުގެ ބަދަލުގައި، އެކި މަރުޙަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް ދިވެހިރާއްޖެއަށް ގެނައުން މަނާކުރުމުގެ ފުރުޞަތު ދިނުމުގެ މަގުސަދުގައި ކަމަށެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ކުނީގެ ދުވަހުންދުވަހަށް ބޮޑުވަމުން އަންނައިރު، 2023 ވަނަ އަހަރުގެ ކުރިން ރާއްޖެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަނާކުރަން ސަރުކާރުން ވަނީ ޕްލޭނެއް އެކުލަވާލާފައެވެ.