މާލެގައި ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުން ކަމަށާއި މި މީހުންނަށް ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއެކު ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން ވަނީ ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލެ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުގެ މަތިން އެ މިނިސްޓްރީން ވަނީ ކ. ގުޅިފަޅުގައި "ވަގުތީ ޝެލްޓަރ" އެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.
މިކަމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މަގުމަތިވެފައިވާ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރަމުން ގެންދާނީ މިނިސްޓްރީ އާއި އެ ފަރާތްތަކާއި ދެމެދު ހެދޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މިނިސްޓްރީން ބުނީ އެ ފަރާތްތައް ގުޅިފަޅަށް ބަދަލުކުރަނީ ހާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މީގެ ތެރޭގައި މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންގެ އަދަދު ގިނަކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މިފަދަ ފަރާތްތަކުގެ ތެރެއިން ޑިޓޮކްސިފިކޭޝަން ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމްތައް ހަމަޖެހިފައި ވާކަމަށެވެ. އެ ފަރާތްތަކުގެ ޑިޓޮކްސް ފަރުވާ ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނޭޝަނަލް ޑްރަގް އެޖެންސީން ބަލަހައްޓަމުންދާ ޑިޓޮކްސް ކޭމްޕްގައެވެ.
ޖެންޑަރ މިނިސްޓްރީން އިތުރަށް ބުނީ ވަގުތީ ހިޔާތަކަށް ބަދަލުކުރެވޭ މީހުން އެތަނުގައި ހޭދަކުރާ މުއްދަތުގައި ދާއިމީ ހިޔާވައްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރާނެ ކަމަށެވެ. ހަމައެއާއެކު އެ ފަރާތްތަކުގެ ހުރި ހުނަރުތައް ދެނެގަނެ ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމްތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިހެން ހިންގޭ ލައިފް ސްކިލްސް ޕްރޮގްރާމްތަކުގެ އިތުރުން، ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ވަނީ ރޭވިފައި ވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.
ޖެންޑަރ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ގުޅުމަށް އެދިފައެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން މަގުމަތިވެފައިވާ މީހުންގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ޖެންޑަރ މިނިސްޓްރީން ވަނީ ދީފައެވެ.