ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑިރެކްޓަރ އޮފް ރިސަރޗްގެ މަޤާމަށް ޑރ. ރަޙީމާ ޢަބްދުއްރަޙީމް އަދި ލ. ގަން ކެމްޕަސް މެނޭޖަރގެ މަޤާމަށް ޙައްވާ ވަޖުދާ، ޢައްޔަނު ކުރައްވާ، މަޤާމުގެ ލިޔުން ޙަވާލު ކުރައްވައިފިއެވެ.
ޑިރެކްޓަރ އޮފް ރިސަރޗްގެ މަޤާމަށް ހޮވިވަޑައިގެންފައިވާ ޑރ. ރަޙީމާ ޢަބްދުއްރަޙީމަކީ ޔުނިވަރސިޓީއަށް ގިނަ ދުވަސްތަކެއްގައި ހިދުމަތް ކުރައްވާފައިވާ ފަރާތެކެވެ. ޑރ. ރަޙީމާ ޢަބްދުއްރަޙީމް ޔުނިވަރސިޓީއަށް އަލަށް ގުޅިވަޑައިގަންފައިވަނީ 2000 ވަނަ އަހަރު ފެކަލްޓީ އޮފް ހެލްތް ސައިންސަސްއަށެވެ. އަދި 2010 ވަނަ އަހަރާ ހަމައަށް ޑރ. ރަޙީމާ ޢަބްދުއްރަޙީމް ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި އެކަޑެމިކް މުވައްޒަފެއްގެ މަޤާމު އަދާކުރައްވާފައިވެއެވެ.
އެއަށްފަހު ވިލާ ކޮލެޖުގައި ރިސަރޗް އެސޯސިއޭޓް އަދި ޑިރެކްޓަރ އޮފް ރިސަރޗްގެ މަޤާމު އަދާކުރެވުމަށްފަހު 2016 ވަނަ އަހަރު ޑރ. ރަޙީމާ ޢަބްދުއްރަޙީމް ވަނީ ޑީން އޮފް ރިސަރޗްގެ މަޤާމުގައި ޔުނިވަރސިޓީއަށް އަލުން ގުޅިވަޑައިގެން މިއަދާ ހަމައަށް ޔުނިވަރސިޓީއަށް ހިދުމަތްކޮށްދީފައެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ އެކި ކޮމިޓީތަކުގާ ޑރ. ރަޙީމާ ޢަބްދުއްރަޙީމް މަސައްކަތްކުރައްވާފައިވެ އެވެ.
ގަން ކެމްޕަސް މެނޭޖަރގެ މަޤާމަށް ހޮވިވަޑައިގެންފައިވާ ޙައްވާ ވަޖުދާ އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ވީ މީޑިއާގެ ސީނިއަރ މާކެޓިންގ އެންޑް ސޭލްސް އެގްޒެކެޓިވްގެ މަޤާމް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އެސިސްޓަންޓް ޑިރެކްޓަރގެ މަޤާމް، ޕަބްލިކް ސަރވިސް މީޑިއާގެ އެސިސްޓަންޓް ޕްރޮޑިއުސަރގެ މަޤާމް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ޕަބްލިކް ރެލޭޝަންސް އޮފިސަރގެ މަޤާމް ހިމެނެ އެވެ.
ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގައި އަންގާރަ ދުވަހު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ, ޑރ. މުޙައްމަދު ޝަރީފުއެވެ.