މިހާރު އަމަލުކުރަމުން އަންނަ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށާއި ކުޑަކުދިން ޓްރެފިކްކުރުމުގެ ކުށާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު ހިންގުމުގެ މާނަ އެއަށްވުރެ ފުޅާވާ ގޮތަށް އެ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން އެބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދެވެ. ބިލް ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މިބިލް ހުށަހަޅުއްވާ މައިގަނޑު ތިން މަގްސަދެއްވާ ކަމަށެވެ.
އޭގެތެރެއިން އެއް މަގްސަދަކީ ޓްރެފިކްކުރުމުގެ ކުށާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު ހިންގުމުގެ މާނަ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމުގައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ޕްރޮޓޮކޯލްއެއް ކަމުގައިވާ "ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕަރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން" އާ އެއްގޮތް ކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުން ކަމަށެވެ. އަދި އެއިސްލާހުތަކާއި ގުޅިގެން އެ ޤާނޫނުގެ އެހެން މާއްދާތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށް ޖީހާން ވިދާޅުވިއެވެ.
ފާހަގަކޮށްލަން ބޭނުންވޭ ރާއްޖެގައި މީހުން ޓްރެފިކް ކުރުމާއި ގުޅޭގޮތުން މިއޮތް ހާލަތް ބައިނަލްއަގްވާމީ ދުނިޔެއިން ވަޒަންކުރާއިރު ރާއްޖެ މިހާރު މިއޮތް ހާލަތު އަރައިގަތުމަށްޓަކައި އަދި މިހާލަތު ރަނގަޅުކުރުމަށްޓަކައި ރާއްޖޭގެ ނިޔަތް އޮތްކަން ،ދައުލަތުގެ ނިޔަތް އޮތްކަން ސާބިތުކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިމަގްސަދުގައި ހެދިފައިވާ ޤާނޫނީ އޮނިގަނޑު އިސްލާހުކުރުން. ޤާނޫނީ އޮނިގަނޑު އިސްލާހުކުރުމުގެ ނިޔަތުގައި މިބިލް ހުށަހެޅިގެންދާއިރު ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ލާޒިމްކުރާ މިންގަނޑަށް ބައިނަލްއަގްވާމީ މުއާހަދާތަކުގައި ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ބިލް ފަރުމާ ކުރުން ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ރާއްޖޭގެ ނިޔަތް ކަށަވަރުކޮށްދޭނެ ޚައްސަގޮތެއްގައި ރާއްޖެއިން މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ވެފައިވާ ކޮމިޓްމެންޓް ދާދި އިހަކަށްދުވަހު އދ ގެ ކައުންސިލްގައި ވެފައިވާ ކޮމިޓްމަންޓް ވެފައިވާ އެއްބަސްވުން ސާބިތުކޮށްދޭނެ ކަމެއް.ޖީހާން މަހުމޫދު / ހިންނަވަރު ދާއިރާގެ މެމްބަރ
ޖީހާން ވިދާޅުވީ މިހާރު ޓްރެފިކް ކުރުން މާނަކޮށްފައި އޮތްގޮތުން ޓްރެފިކްކުރުމުގެ އަމަލުގެ ތެރޭގައި ރެކްރޫޓްކުރުމާއި ގެންގުޅުމާއި ރިސީވްކުރުން ނުހިމެނޭ ކަމަށެވެ. އެގޮތުން ހިމެނިފައި ނުވުމުގެ ސަބަބުން މިކުށްކުށަކީ ޤާނޫނީ ކުށަކަށް ނުހެދޭ ކަމަށާއި އެހެންކަމުން މިއަމަލުތައް ހިންގާ މީހުން ޤާނޫނީ ގޮތުން ޒިންމާދާރު ނުކުރެވޭކަމަށް ޖީހާން ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ބިލް ހުށަހަޅާފައިވަނީ އެހުރިހާ ކަމެއްވެސް ހިމެނޭގޮތަށް ކަމަށް ޖީހާން ވިދާޅުވިއެވެ.
މީގެއިތުރުން މިބިލް ސަރުކާރުން ހުށަހަޅާ ދެ ވަނަ މަގްސަދަކީ ޓްރެފިކްކުރުމުގެ އަމަލެއް ހިންގުމަށް ބޭނުންކުރާ މުދަލާއި ފައިސާ އާއި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރު މިޤާނޫނަށް ގެންނަ އިސްލާހުން ލިބިދުނުންކަމަށްވެސް ޖީހާން ވިދާޅުވިއެވެ.
އޭގެ މަގްސަދަކީ އޭގެން ހޯދާ ފައިސާ އާއި މުދާ ޓްރެފިކް ކުރެވޭ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ސަރުކާރުން، ދައުލަތުން ކުރަންޖެހޭ ޚަރަދާއި ދައުލަތުން ކުރަންޖެހޭ ހޭދައާއި މިފައިސާ ނުވަތަ މިފަދަ ގޮތަކުން ހޯދާފައިވާ މަންފާގެ ބޭނުންކުރުން.ޖީހާން މަހުމޫދު / ހިންނަވަރު ދާއިރާގެ މެމްބަރ
މިޤާނޫނަށް ސަރުކާރުން ހުށަހަޅާ ތިން ވަނަ ސަބަބަކީ ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓަށް ނަގައިދެވޭ ގެއްލުމުގެ ބާވަތްތައް ކަނޑައެޅުން ކަމަށް ޖީހާން ވިދާޅުވިއެވެ.
އަދި ގެއްލުން ލިބޭ ފަރާތްތަކަށް ބަދަލު ނަގައިދިނުމުގައި ނަގާ ދެނެވޭނީ ކޮންކަހަލަ ބަދަލުތަކެއްތޯ އާއި ޝަރުޢީ މަރުހަލާގައި ނަގައިދެވޭނެ ބަދަލުތަކެއް ކަނޑައެޅުން.ޖީހާން މަހުމޫދު / ހިންނަވަރު ދާއިރާގެ މެމްބަރ
ސަރުކާރުގެ ފަރާތުން މި ޤާނޫނަށް 12 އިސްލާހެއް ވަނީ ހުށަހަޅާފައެވެ.