މަސްފެކްޓްރީއެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ދުކޮށްފައިވާ ބިމުގެ ކުލި އެ ރަށު ކައުންސިލަށް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ހޯނޑެއްދޫން ދޫކޮށްފައިވާ ބިމުގެ ކުލި އެ ރަށު ކައުންސިލަށް ލިބޭ ގޮތަށް ހަމަޖެހިފައިވާކަން ހާމަކޮށް މެންބަރު ފިރުޝާން ވިދާޅުވެފައި ވަނީ، އެތައް އަހަރެއްވީ މި މަޝްރޫއު ނުފެށި ލަސްވުމުން އެކަމުގައި ހޯނޑެއްދޫ ރައްޔިތުންނާއި އެ އަތޮޅު އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ގިނަ ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ނަމަވެސް މިހާރު ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ބިމުން ލިބޭ ކުލި ސީދާ ކައުންސިލަށާއި އެރަށު ރައްޔިތުންނަށް ލިބިގެންދާކަމީ އުފާކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްފެކްޓްރީއެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫއިން ދޫކޮށްފައިވާ ބިމުގައި މަސް ފެކްޓްރީ އެޅުމުގެ މަޝްރޫއަށް މިހާރު ވަނީ 14 އަހަރު ވެފައެވެ.
މި ބިމުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ މެންބަރު ފިރުޝާން ވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީ އަށާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް ގެންނަވާފައެވެ. އެއާއެކު އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު، އިޤްތިޞާދީ ކޮމިޓީން ވަނީ މި މައްސަލަ ދިރާސާ ކުރަން ފަށާފައެވެ.
މިކަން ދިރާސާކުރުމަށް އެ ދުވަހު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވަނީ މިކަމާއި ގުޅޭގޮތުން ކުރިއަށް ދިޔުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުން މައުލޫމާތު ސާފުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް މިހާބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމަކަށްވާތީ ކަމާގުޅޭ ފަރާތްތަކުން ގިނަ މައުލޫމާތުތަކެއް ސާފުކުރަން ހުންނާނެކަން މެމްބަރުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މިހާބޮޑަށް ދިގުލައިގެން ގޮސްފައިވާ މައްސަލައަކަށް ވާއިރު ރައްޔިތުންނަށް މިކަމުން އެއްވެސް މަންފާއެއް ނުލިބިދާ ދިޔުން މެމްބަރުން ކޮމިޓީގައި ފާހަގަކުރެއްވިއެވެ. އަދި މި ފެކްޓްރީ އޮޕަރޭޓްކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކޮމިޓީން ނިންމީ މިކަމާއި ގުޅިގެން ހޮރައިޒަން އާއި ފިޝަރީޒް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ހޯނޑެއްދޫ ކައުންސިލުން ސިޓީއަކުން މައުލޫމާތުތައް ސާފުކުރުމަށެވެ.
މަޖިލީހުގެ ރައީސްއަށް އެޑްރެސް ކުރައްވާ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ފިރުޝާން ފޮނުއްވި ސިޓީގައި ވަނީ ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ބިން ދޫކުރެވުނުތާ މި އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހަށް 15 އަހަރު ފުރޭއިރު، މަސް ފެކްޓްރީ އަދިވެސް ހަދާ ނިމިފައިނުވާތީ ރާއްޖޭގެ އިގްތިސާދަށާއި އެ އަތޮޅުގެ ރައްޔިތުން ކުރާ ސީދާ ފައިދާއެއްވެސް ނެތް ކަމަށެވެ.
މި މައްސަލަ މެމްބަރު ފިރުޝާން ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެނެސް މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. ޒަހާ އެ ދުވަހު ވިދާޅުވެފައި ވަނީ މި މައްސަލަ އޮތްގޮތުން މި މައްސަލަ ދެން ދާނީ ކޯޓަށް ކަމަށެވެ.