ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމާބެހޭ ފަރާތްތަށް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން މި މައްސަލަ ބަލަން ނިންމީ އެ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހުގައެވެ. އެގޮތުން ކޮމިޓީން ނިންމީ މި މައްސަލައިގައި އިތުރަށް ސާފު ކުރަންޖެހޭ ކަންކަން ހުރުމުން، އެމްޕީއެލްގެ އިސްވެރިންނާއި އެފްއެސްއެމްގެ މިކަމާއި ގުޅުންހުރި ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.
ސަރުކާރުގެ ކުންފުނިތަކުން ހިންގާ ކޮރަޕްޝަނުގެ މައްސަލަތައް ގިނަކަން ފާހަގަކުރައްވާ ބައެއް މެމްބަރުން ވިދާޅުވެފައިވަނީ، ދައުލަތުގެ ވިޔަފާރި ކުންފުނިތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މަތިކޮށްފައިވާ ޒިންމާތައް ނެގުމުގައި ފެއިލްވެފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތެރެއިން ތެޔޮ ގަތުމުގެ ނަމުގައި އެމްޕީއެލްއަށް ތެޔޮ ގަންނަ ފޯމްތައް ފޯޖްކޮށް، ފޯމްތަކުގެ ފޮޓޯކޮޕީ ހައްދައި، އެ ފޯމްތަކަށް ތެޔޮ ހޯދާފައިވާ ކަމަށް އެމްޕީއެލްގެ އިންޓަރނަލް އޮޑިޓުން ވަނީ ފާހަގަވެފައެވެ. އަދި އެކަން އެ މަސައްކަތް ކުރަން ހަވާލުކޮށްފައިވާ މުވައްޒަފު އޮޑިޓަށް ދީފައިވާ ބަޔާންތަކުން އެނގޭ ކަމަށް އެމްޕީއެލްގެ ސީއީއޯ ފޮނުއްވެވި ސިޓީގައިވެއެވެ.
މިކަން ކޮށްފައިވަނީ، އެފްއެސްއެމްގެ ތެޔޮ ސަޕްލައިކުރާ ބައުޒަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކާއި ގުޅިގެން ކަމަށް ވެސް ރިކުއެސްޓް ފޯމުގައި ސޮއިކޮށްފައިވާ އެމްޕީއެލްގެ މުވައްޒަފުން ވަނީ އޮޑިޓަށް ބަޔާން ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ތެރެއިން 8 މިލިއަނަށް ވުރެން ގިނަ ރުފިޔާއަށް ވަނީ ހިޔާނާތްތެރިވެފައިވެ.