މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާރމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފިއެވެ.
ޒަކީގެ އިސްތިއުފާގެ ސިޓީ ލިބިފައިވާކަން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޒަކީ އިސްތިއުފާ ދެއްވާފައިވަނީ، އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ.
ޒަކީ އިސްތިއުފާ ދެއްވާފައިވަނީ ދާދި ފަހުން އެމްޕީއެލްގެ މުވައްޒަފުންތަކެއް ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް ކުންފުންޏާާއި ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ. އޭނާ މިކަން ހާމަކޮށް ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރެއްވި ޓުވީޓުގައި ވަނީ، ހިޔާނާތުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑް ނުކުރެވުނު ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށެވެ.
އެމްޕީއެލްއިން ވަނީ އެ ފަހުން، ކޮވިޑް-19 ލޮކްޑައުންގައި ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ފާހަގަވެ ތަހުގީގީ އިދާރާތަކަށް އެކަންކަން ބެލުމަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް، ފުލުހުންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް ވަނީ ހުށަހަޅާފައެވެ.
''ރާއްޖެއެމްވީ'' އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ދެމުން ބުނީ، މި މައްސަލަތައް ފެންމަތިވުމާއި އެކު ކުންފުނިން ބެލި ބެލުމުގައި އެކަމުގައި ޝާމިލްވި ކަމަށް ފާާހަގަވާ 4 މީހަކު ފުރަތަމަ ސަަސްޕެންޑްކޮށް މަސައްކަތާއި އެކަހެރި ކުރިކަމަށެވެ. އިތުރަށް އެކަންކަން ބަލައި، އޭގެ ތެރެއިން އެކެއްގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އެމްޕީއެލްގެ ޗެއާމަން ކަމަށް، ޒަކީ އައްޔަނުކޮށްފައިވަނީ 17 ފެބްރުއަރީ 2019 ގައެވެ. ޒަކީއަށް އެމްޕީއެލްގެ ޗެއާމަންކަން ދިނީ، އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.