ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށްޓަކައި ހަމަޖެހިފައިޗާ ލޯގޯއާއި ޝިއާރު ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "ގެވެށި އަނިޔާ ހުއްޓުވާނަން" މި ލޯގޯއާއި ޝިއާރު، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ޝިއާރު އިނގިރޭސި ބަހުން ބޭނުން ކުރަން ނިންމާފައިވަނީ "Prevent domestic violence" މިގޮތަށް ކަމަށެވެ.
ވީމާ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ހިންގަވާ ޤައުމީ ކެމްޕޭނުގެ ލޯގޯއާއި ޝިޢާރު، 2020 ޑިސެންބަރު މަހުގެ 1 ވާ އަންގާރަ ދުވަހުން ފެށިގެން، ކުރިއަށް އޮތް 1 އަހަރު ދުވަހުގެ މުއްދަތަށް، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި، ޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، ޖެންޑަރ މިނިސްޓްރީން އެކަމެއް އޮޅުން ފިލުވޭނެ ކަމަށް ވެސް ރައީސް އޮފީހުން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.