އަވަށްޓެރި އިންޑިއާގައި ސީޕްލޭންގެ ދަތުރުތައް ފެށުމަށް ރާއްޖޭގެ މޯލްޑިވިއަން ސީޕްލޭންގެ ފަރާތުން އެގައުމަށް ދިޔަ ކްރޫ އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މޯލްޑިވިއަންގެ ފަރާތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ސްޕައިސް ޖެޓުގެ ފަރާތުން އެގައުމުގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ މޯލްޑިވިއަންގެ މުވައްޒަފުން ރާއްޖެ އައިސްފައި ވަނީ އާދިއްތަ ދުވަހު ކަމަށެވެ.
އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. މި ހިދުމަތް ފަށާފައި ވަނީ އިންޑިއާގެ ގުޖުރާތުގެ އަހުމަދުއާބާދުންނެވެ. ސީޕްލޭންގެ ހިދުމަތް ފެށުމަށް އެގައުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ވަނީ ގޮސްފައެވެ. އަދި މި ހިދުމަތް ފެށީ މޯލްޑިިވިއަންގެ ސީޕްލޭންގެ ކްރޫންގެ އެހީތެރިކަމާ އެކުގައެވެ.
އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރުކުރީ ސްޕައިސްޖެޓުންނެވެ. ދުވާލަކު އަށް ދަތުރު ކުރާ އިރު މި ފްލައިޓުތަކަށް މީހަކަށް ޗާޖު ކުރާނީި 4800 ރުޕީސް ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ. އިންޑިއާގެ އަޙްމަދުއާބާދުން ގުޖުރާތުގައި އޮންނަ އަވަށެއް ކަމަށްވާ ކެވަޑިއާއަށް ދަތުރުތައް ކުރުމަށް ނިންމާފައިވާ އިރު، ކޮންމެ ދަތުރެއްގައި 14 ފަސިންޖަރުންނަށް ޖާގަ ލިބޭނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅަކަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާރޓަރ ކުރުމަކީ އިންޑިއާ އާއި ރާއްޖެ އާއި އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި، އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ސްޕައިސްޖެޓްގެ މިދަތުރުގެ އިތުރުން، އިންޑިއާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެ ކަމަށާއި އެފަދަ މަޝްވަރާތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށް ރިޒްވީ ވަނީ ވިދާޅުވެފައެވެ.