އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަކީ ޑެފިސިޓް ބޮޑު ބަޖެޓެއް ނަމަވެސް, އުއްމީދީ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް، އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މެންބަރުން ވަނީ ކޮމިޓީން ގެނެސްފައިވާ ބަދަލުތަކަށް ތާއީދު ކުރައްވާފައެވެ. އަދި މިއީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ބަޖެޓެއްކަން ފާހަގަކުރައްވާ، މެންބަރުން ވަނީ ރަނގަޅަށް ތަންފީޒު ކުރެއްވިއްޖެނަމަ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖަހާ، އަލުން ހިނގައިގަންނާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވެސް 2021 ވަނަ އަހަރުގެ ބަޖެޓު ސިފަ ކުރައްވާފައިވަނީ އުއްމީދީ ބަޖެޓެއްގެ ގޮތުގައެވެ. ސަރުކާރުގެ އަމާޒުހުރީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވެ އޭނާ ވަނީ މީގެ ސަބަބުން ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތަށް އަލިއަޅުއްވާލައްވާ މެމްބަރު ވަނީ އިގްތިސާދު ހުޅުވާލާ، ވިޔަފާރީގައި ހުރި ހުރަސްތައް ނައްތާލާ، ރަނގަޅު މާހައުލެއް ފަހިކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަކީ ޑެފިސިޓް ބޮޑު ބަޖެޓެކެވެ. މިކަން ފާހަގަކުރައްވާ ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެއީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ކޮންމެ ކަމެއްގައިވެސް އިސްކަން ދޭންޖެހޭ ތަރުތީބެއްވާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއަދު ސާރުކާރަށް މަޖުބޫރުވެފައިވަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް ބުރޫ ނަރާ ގޮތަށް ފޯރުކޮށްދިނުމަށް ކަމަށެވެ. ބައެއް ފަރާތްތަކުން ޑެފިސިޓް ކުޑަކުރުމަށް ގޮވާލި ނަމަވެސް އެއީ މި ހާލަތުގައި ތާއީދު ކުރެވޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ އަންނަ އަހަރު އެކަށިގެންވާ މިންވަރަކަށް ބަޖެޓު ތަންފީޒު ކުރެވިއްޖެ ނަމަ، އިންފްލޭޝަން ރޭޓު ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފައެވެ. މި ބަޖެޓަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ޝަރީފް ވިދާޅުވީ ޑެފިސިޓް ބޮޑު ނަމަވެސް، މިއީ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ބަޖެޓެއް ކަމަށެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވީ ގައުމުގެ އިގްތިސާދު އާރާސްތުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެކު އަންނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް ރަނގަޅު ބަދަލުތަކެއް އައިސް، އާމްދަނީ އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. ކޮމިޓީ މަރުހަލާގައި ބަޖެޓަށް ގެނެވުނު ބަދަލުތަކަށް ތާއީދު ކުރައްވާ މިއީ އުއްމީދީ ބަޖެޓެއްގެ ގޮތުގައި މެންބަރު ވެސް ވަނީ ސިފަކުރައްވާފައެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނެސްފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާ 17.79 ބިލިއަން ރުފިޔާގެ ބަދަލުގައި ކޮމިޓީން އަންދާޒާކޮށްފައި ވަނީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ވަނީ ސަރުކާރުން ހުށައެޅި އަދަދަށް 200 މިލިއަން އިތުރުކޮށް 34.92 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއާއެކު މިހާރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެވެނީ 12.3 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިންނެވެ.