ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަންވާނީ، އެ އުޅަނދެއް އެކްސިޑެންޓްވުމުގެ ސަބަބުން ގެއްލުން ލިބޭ މީހަކަށް، ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބި ދިނުމުގެ ގޮތުން ކުރާ ތަރޑް ޕާޓީ އިންޝުއަރެންސް ކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް ހުށައަޅާފައިވާ ބިލު 51 މެމްބަރުންގެ ވޯޓާއި އެކު ބޭރުކޮށްލައިފިއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށައަޅާފައިވާ އިސްލާހަކީ އެ ގާނޫނުގެ 69 ވަނަ މާއްދާ ކަމަށްވާ އިންޝުއަރެންސްއާއި ގުޅޭ މާއްދާ އުވާލުމެވެ. މިގޮތަށް އޭނާ ހުށައަޅާފައިވަނީ އެއްގަމު އުޅަނދުތައް އިންޝުއަރެންސް ކުރެވެމުން ދިޔަ ނަމަވެސް ހިނގާފައިވާ އެކްސިޑެންޓްތަކަށް އިންޝުއަރެންސް ލިބެމުން ނުދާ އިރު ރައްޔިތުން އަތުން އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންް ކުންފުނިތައް ނަގަމުން ދިއުމާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބޭ ކަމަށް ވިދާޅުވެއެވެ.
މި ބިލު ދިރާސާ ކުރި މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ އެ މާއްދާ އުނިކޮށްފިނަމަ މުސްތަޤުބަލުގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިނގާ އެކްސިޑެންޓްތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމަށް ޤާނޫނުން ލާޒިމުނުކުރާނެ ކަމަށެވެ. އަދި އެ ކަމަކީ އެކްސިޑެންޓްތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށް މަގުފަހިވާނެކަމެއްގެ ގޮތުގައި ކޮމިޓީން ވަނީ ސިފަކޮށްފައެވެ.
މީގެއިތުރުން ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ތަރޑް ޕާޓީ އިންޝުއަރެންސް ކުރުން ޤާނޫނުން ލާޒިމުކުރުމަށް ރާއްޖޭގެ މައްޗަށް ލާޒިމުކުރާ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް-1968" ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ތައްޔާރީތައް ވަމުންދާތީއެވެ.
ކޮމިޓީން ވަނީ އެކްސިޑެންޓްތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް އިންޝުއަރެންސް ލިބި ދިނުމުގައި މިހާރު ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ކުރަމުން ނުދާކަން ފާހަގަކޮށް، އެ އުސޫލު މުރާޖަޢާކޮށް، އިންޝުއަރެންސްގެ ފައިދާ އެންމެ ރަނގަޅަށް ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އިންޝުއަރެންސާއި ގުޅޭ އުސޫލުތައް ބަދަލުކުރުމަށް މިނިސްޓްރީން އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އިލްތިމާސްކުރުމަށް ނިންމާފައެވެ.