ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއިން ކާމިޔާބުކުރުމާއި ގުޅިގެން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފައުންޑަރ އަދި ރައީސް، ގްރެހެމް ކުކް ރާއްޖެއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ގްރެހެމް ކުކް ވިދާޅުވީ މި އެވޯޑުގެ ހަގީގީ ހައްގުވެރިންނަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ އެންމެހާ ފަރާތްތައް ކަމުގައެވެ. އެގޮތުން ގްރެހެމް ވަނީ ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާފައެވެ. ކޫކް ވަނީ މި ލިބުނު ކާމިޔާބީ 'ސަނީ ސައިޑް އޮފް ލައިފް' ގައި އުފާވެރިކަމާއިއެކު ފާހަގަ ކުރުމުން ގެންދިޔުމަށް ބާރުއަޅާފައެވެ.
މި އެވޯޑް ލިބުމާއި ގުޅިގެން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިކަމުން ހާމަވެގެންދަނީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލުއެއް މަންޒިލް ކަމަށެވެ. އަދި މިފަދަ ބޮޑު ކާމިޔާބީއެއް ރާއްޖެއަށް ލިބިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންނާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކާއި، އެމްއެމްޕީއާރްސީ އާއި ގުޅިގެން ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.