އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް އާދީއްތަ ދުވަހު ބަހުސް ކުރުމަށް އެޖެންޑާކޮށްފިއެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ނިންމާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ބެލެވޭ ގޮތުގައި ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މި ހަފްތާގައި ބަޖެޓް ފާސްކުރާނެއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނެސްފައިވާއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާ 17.79 ބިލިއަން ރުފިޔާގެ ބަދަލުގައި ކޮމިޓީން އަންދާޒާކޮށްފައިވަނީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ވަނީ ސަރުކާރުން ހުށައެޅި އަދަދަށް 200 މިލިއަން އިތުރުކޮށް 34.92 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއާއެކު މިހާރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެވެނީ 12.3 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިންނެވެ.