ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 12:36
ޖުވެނައިލް ކޯޓު،  ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތަށް ޝަރީޢަތްތައް ހިންގޭނެ މަގުފަހިކޮށްދިނުމަށް ވެސް އިސްލާހުތަކެއް ވަނީ ހުށައެޅިފައި
ޖުވެނައިލް ކޯޓު، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތަށް ޝަރީޢަތްތައް ހިންގޭނެ މަގުފަހިކޮށްދިނުމަށް ވެސް އިސްލާހުތަކެއް ވަނީ ހުށައެޅިފައި
ރާއްޖެއެމްވީ
ކުޑަކުދިންގެ އަދުލުގެ ގާނޫން
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މުހިއްމު އިސްލާހުތަކެއް
 
މަޖިލީހަށް ހުށައަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް
 
ބިލު ހުށައަޅާފައިވަނީ ޢަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތަށް ޝަރީޢަތްތައް ހިންގޭނެ މަގުފަހިކޮށްދިނުމަށް

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ތައާރަފްކޮށްފިއެވެ.

މުހިއްމު އިސްލާހުތަކާއި އެކު ހުށައެޅުނު ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.

މި ބިލުގައި ވަނީ ކުއްޖާ ބަންދުކުރެވޭ ޙާލަތްތަކުގައި ކުއްޖާ އޭނާގެ ޢާއިލާއާ އެކަހެރިކޮށް ބަންދުކުރުމަށްޓަކައި "އިންސްޓިޓިއުޝަނަލައިޒް" ކުރުމަކީ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން ކުއްޖާއަށް އެންމެ މަޞްލަޙަތު ބޮޑު ގޮތަކީ ކުއްޖާއަށް އޭނާގެ ޢާއިލާގެ ގާތުގައި ބަންދުގައި ހުރުން ކަމަށް ވާތީ އެ ފުރުސަތު ފަހި ކޮށްދިނުމަށް ބިލުގައި ވަނީ ހުށައަޅާފައެވެ.

މީގެއިތުރުން، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނުގެ މަޤްޞަދު އެންމެ ފުރިހަމައަށް ޙާޞިލުކުރުމާއެކު، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތަށް ޝަރީޢަތްތައް ހިންގޭނެ މަގުފަހިކޮށްދިނުމަށް ވެސް އިސްލާހުތަކެއް ހުށައެޅިފައިވެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކުޑަކުދިންގެ މައްޗަށް ޝަރީޢަތުން އަދަބު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން ސަރުކާރުން ވަނީ އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ މައިގަނޑު އުޞޫލުތަކެއް ބަޔާންކުރުމަށް މި ބިލުގައި ހިމަނާފައެވެ. އަދި މި ޤާނޫނުގައި ބަޔާން ކޮށްފައިވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ފުށުއެރުންތަށް ނައްތާލައި ޤާނޫނުގެ މަޤްޞަދުތަކަށް ހުރަސްއެޅޭގޮތަށް ފަރުމާކުރެވިފައިވާ މާއްދާތައް އުނިކުރުމަށް ވެސް އިސްލާހުތަކެއް ވަނީ ހުށައަޅާފައެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު ފަރުމާކޮށްފައިވަނީ، ބޮޑެތި މީހުންގެ މައްޗަށް ހިނގާ އާންމު ޖިނާއީ އަދުލުގެ ނިޒާމުން މުޅިން ވަކި ކުރެވިފައިވާ ނިޒާމެއް ގާއިމު ކުރުމަށް، ވީވަރަކުން އެކުދިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި ޑައިވަރޝަން ނިޒާމުގެ ދަށުން އެކުދިންނާއި މެދު އަމަލު ކުރާ ގޮތަށެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު ފުލުހުންގެ ޖަސްޓިސް ޑިޕާޓްމެންޓާއި ގުޅިގެން، ކުއްޖާގެ ރިސްކް އެސެސްމެންޓެއް ހަދާއިރު އޭގެ ނަތީޖާއަށް ބިނާކޮށް އިތުރު ފިޔަވަޅެއް ނާޅާ، ނަސޭހަތްދީ ނިންމާލަން ޖެހޭ ހާލަތެއްގައި ޑައިވަރޝަންގެ ދަށުން ފިޔަވަޅެއް އެޅުމަށް ނިންމުން ނުވަތަ މައްސަލަ ތަހުގީގު ކުރަން ނިންމުމުމުގެ ބާރު އެ އިދާރާއަކަށް ލިބިގެންދެއެވެ. އެގޮތުން ޑައިވަރޝަންގެ ނިޒާމުގެ ދަށުން އެޅިގެންދާ ފިޔަވަޅުތަކުގެ ތެރޭގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ކިބައިން މާފަށް އެދުމާއި ގެއްލުމުގެ ބަދަލު ދިނުމާއި، ކައުންސިލިންގ، ތައުލީމީ، ވޮކޭޝަނަލް، ލައިފްސްކިލް ނުވަތަ ކޮމިއުނިޓީ ސަރވިސް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވާ، އެފަދަ ފިޔަވަޅުތަކުގެ ދަށުން ވެސް އެ ކުދިން ދޫކޮށްލެވޭނެ އިންތިޒާމް، މި ގާނޫނުގެ ދަށުން ހަމަޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް