ވޯލްޑް ޓްރެވަލްސް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބުމުން, ފަތުރުވެރި ކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރީންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.
ހޮނިހިރު ދުވަހު ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯލްޑް ޓްރެވަލްސް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ފުރަތަމަ ފަހަރަށް ލިބުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ކޮވިޑްގެ މިހާލަތުގައި މި އެވޯޑް ރާއްޖެއަށް ލިބުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ މަސައްކަތުންކަން ރައީސް ސޯލިހް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހް ވަނީ މި އެވޯޑް ލިބުމުން ފަތުރުވެރި ކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރީންނަށް މަރުހަބާ ދަންނަވާފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ދިވެހިރާއްޖެ ވަނީ ނޮމިނޭޓްވެފަ އެވެ. އަދި ގްރޭންޑް ފިނާލޭގައި ވަނީ ޑެސްޓިނޭޝަން ކެޓަގަރީގައި 8 ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ. މީގެއިތުރުން 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓްވެފައިވާއިރު ވޯލްޑް ކެޓަގަރީގެ ތިން ކެޓަގަރީއެއްގައި ރާއްޖޭގެ ތިން ރިސޯޓެއް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ތަންތަނާ ވަނީ ވާދަކޮށްފައެވެ. އަދި ރާއްޖޭގެ ގިނަ ޓުއަރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ވަނީ މި އެވޯޑްތައް ކާމިޔާބުކޮށްފައެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހި ހުއްޓުމަކަށް އައިސްފައެވެ. ކޮވިޑުން ރައްކާތެރިވުމަށް ދިވެހިރާއްޖެ ފުރަބަންދު ކުރުމާ ވިދިގެން ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ކުރަމުން އައި މަސައްކަތްތައް "ވިޒިޓް މޯލްޑިވްސް" އަށް ޑިޖިޓަލް ޕްލެޓްފޯމަތަކަށް ބަދަލުކުރަން މަޖުބޫރުވިއެވެ. މި ބަދަލަށް ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތަތަކުން ވަނީ ހޭނިފަ އެވެ. އެގޮތުން މުއާމަލާތްކުރުމުގެ އެކި ކަންކަމަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އެ ބަދަލާއެކު އެކި ގައުމުތަކުގައި ތިބި އެޖެންޓުންނާއި ޕާޓްނަރުން އަދި ކަސްޓަމަރުންނާއެކު ކުރަމުން އައި މުއާމަލާތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.