ދިވެހިރާއްޖޭގެ ރަށެއްގައި ރުޤްޔާގެ ނަމުގައި އޮޅުވާލައިގެން އަންހެނަކާއި އޭނާގެ ދެ ދަރިންނަށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 24 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން، 15 ދުވަހުގެ މުއްދަތު ޖަހާދީފައިވާއިރު، ޝަރީއަތް ނިމެންދެން ބަންދުކުރުން ނިންމީ މި މައްސަލައިގައި ހިމެނޭ 39 އަހަރުގެ މީހާއެވެ. "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، 24 އަހަރުގެ މީހާއަކީ ރުގްޔާ ކުރަން އައި މީހާއެވެ. އަދި 39 އަހަރުގެ މީހާއަކީ މި މައްސަލައިގެ ޝިކާރައަކަށްވީ އަންހެން މީހާގެ ފިރިމީހާއެވެ.
އޮންލައިން ނޫސް "މިހާރު" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން، މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުޤްޔާ ކުރާ މީހާގެ އިތުރުން، އޭނާ ފަހުން ކައިވެނިކުރި ފިރިމީހާ ވެސް ހިމެނެއެވެ. އެގޮތުން ގޭގައި ބަންދުކޮށްގެން އެތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާއިރު، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް، އާއިލާއާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
އަނިޔާގެ ޝިކާރައަކަށްވީ އަންހެން މީހާގެ އާއިލާއިން ވަނީ މި މައްސަލައިގައި ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ފަށާފައިވާއިރު، އެ ކޮމިޓީން ވަނީ ޖެންޑަރ މިނިސްޓްރީ، ހެލްތް މިނިސްޓްރީ، އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން، އެޗްއާރްސީއެމް ފަދަ ކަމާ ގުޅުންހުރި މުއައްސަސާތައް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ.