ބޭންކް އޮފް މޯލްޑިވްސްއިން މުޖުތަމައަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ފަސް ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފިއެވެ.
މިއީ އެ ހިޔާގައި ތިބި ކުދިން އޮންލައިންކޮށް ތައުލީމް ހޯދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ހިޔާ އަށް ހަދިޔާކުރި ކޮމްޕިއުޓަރ ސިސްޓަމްތަކެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މިކަމާއި ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ މި ކޮމްޕިއުޓަރތައް ހަދިޔާކޮށްފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ސްކޫލްތަކުން ފިލާވަޅުތައް ދިނުން އޮންލައިކޮށް ބަދަލު ކުރުމާ ގުޅިގެން ހިޔާގައި ތައުލީމް ހާސިލްކުރަމުންދާ ކުދިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ މި ހަދިޔާ ކުރެވުނު ކޮމްޕިއުޓަރ ސާމާނުގެ އެ ކުދިންގެ އޮންލައިން ކްލާސްތައް ކުރިއަށް ގެންދިޔުމުގައި އިތުރު އެހީއަކަށް ވެގެން ދިޔުން. އަދި މީގެ ސަބަބުން އެކުދިންގެ ކިޔެވުމާއި ހުނަރު ތަރައްގީކުރުމާއި ކަންކަމުގައި ބައިވެރިވުމަށް ވެސް އެހީއަކަށް ވެގެން ދިޔުން.ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް - މުޙައްމަދު ސަޢީދު
ބީއެމްއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމުގެ ދަށުން ތައުލީމީ ދާއިރާއަށް ބޮޑެތި އެހީތަކެއް ވަމުންނެވެ. އެގޮތުން މި އަހަރު ކުރީކޮޅު އެ ބޭންކުން ވަނީ ރާއްޖޭގެ 10 ރަށެއްގައި ހިންގާ ސްކޫލްތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައެވެ.
ތައުލީމީ ދާއިރާއަކީ ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ދާއިރާކަމަށްވާތީ ބޭންކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުން އަންނަ ޖަމިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.