Advertisement
ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 07:15
ރަހުމުކުޑަ ހަމަލާއެއްދީ ލިޔުންތެރިޔާ ޔާމީން ރަޝީދު
ރަހުމުކުޑަ ހަމަލާއެއްދީ ލިޔުންތެރިޔާ ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން މަރާލުން
ދިރިހުއްޓައި ހިމާޔަތް ނުދެވުނަސް، ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން: އާއިލާ
އިންޒާރުތައް ތަހުގީގު ކުރެވިފައެއް ނުވޭ
ތަހުގީގުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ތަހުގީގީ ތަޖުރިބާކާރުން ބައިވެރިކުރަން އާއިލާ ބޭނުން
ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ވީއްލި މިނިވަން ވެފަ

ރަހުމުކުޑަ ހަމަލާއެއްދީ މަރާލި ލިޔުންތެރިޔާ ޔާމީން ރަޝީދު ދިރިހުރިއިރު އޭނާއަށް ހިމާޔަތް ނުދެވުނު ނަމަވެސް، އޭނާގެ މަރަށް އިންސާފު ހޯދުމުގައި ފުލުހުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާކަމަށް ޔާމީންގެ އާއިލާއިން ބުނެފި އެވެ.

 

ޔާމީންގެ އާއިލާއިން ހޯމަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔާމީން ދިރި ދުނިޔޭގައި ހުރިހިނދު، އޭނާއަށް އޮންލައިންކޮށާއި އޮފްލައިންކޮށް، އިންޒާރު ލިބުނު ކޮންމެ ފަހަރަކު އެކަން ފުލުހުންނާއި ހިއްސާ ކުރިނަމަވެސް، ފުރިހަމަގޮތުގައި އެކަން ތަހުގީގު ކުރެވިފައި ނުވާ ކަމަށާއި، 22 ޑިސެމްބަރު 2016 ގައި އެފަދަ މައްސަލައެއް ރަސްމީ ގޮތުންވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ޔާމީންއަށް އިންޒާރު ދެމުން ދިޔައީ، ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ކަމާއި، ބައެއް ފަހަރު އިންޒާރުދިން ފަރާތްތައް އިންޒާރުދިނީ އެމީހުންގެ އަމިއްލަ ނަމުގައިކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

 

އެހެންކަމުން، ޔާމީން ދިރިހުރިހިނދު އޭނާއަށް ހިމާޔަތް ނުދެވުނު ނަމަވެސް، އޭނާގެ މަރަށް އިންސާފު ހޯދުމުގައި ފުލުހުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އާއިލާގެ ބަޔާނުގައި ވެއެވެ.

 

ޔާމީންގެ އާއިލާއިން ބުނީ، މި މައްސަލައިގައި އިތުބާރުހިފޭ ތަހުގީގެއް ހިންގޭނީ ބައިނަލްއަޤުވާމީ ފެންވަރުގެ ތަހުގީގީ ތަޖުރިބާކާރުންގެ ބައިވެރިވުމާއި އެކުގައި ކަމަށް އާއިލާއިން ޤަބޫލުކުރާ ކަމަށާއި، އެހެންކަމުން އެފަދަ ފަރާތެއް މި މައްސަލައިގެ ތަހުގީގުގައި ބައިވެރިކޮށްދިނުމަށް ދިވެހި ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދޭ ކަމަށެވެ.

 

ޔާމީންގެ އާއިލާއިން ބުނީ، ވަގަށް ނަގައި ހޯދައި ނުފެނިފައިވާ ޔާމީންގެ އެކުވެރި ނޫސްވެރިޔާ އަޙުމަދު ރިލްވާންގެ މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރިގެ މެންބަރު ޑރ. އަފްރާޝީމް އަލީ ގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި މިނޫންވެސް ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ވީއްލި މިނިވަން ވެފައިވާ ކަމަށާއި، އޭގެ ނަތީޖާއަކީ ގަތުލުތައް ގިނަވުން ކަމަށެވެ.

 

ދިވެހިރާއްޖޭގައި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދީ، ގޮވައި، ސީދާ އެބާވަތުގެ ކަންކަން ހިންގާ ފަރާތްތަކަށް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭކަމީ ޔާމީންގެ އާއިލާއިން ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ އާއިލާއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 އޭޕްރިލް 2017 | އަންގާރަ 07:53
ހޯނު
ހުވާކޮށްވަ މިބުނަނީ މިސަރުކާރު ދެމި އޮތްހާހިދަކު ތިޔަ ހީކުރާ ގޮތަށް އިންސާފެއް ނުލިވޭނެ. ރާއްޖެޓީވީ ކާރިން އަހާލަބަލަ. މިފެންވަރުގެ ބޮޑެތި މާރާމާރީއަކީ ސިޔާސީބޮޑެތި މީހުން މިލިއަނުން ޚަރަދު ކޮށް ހިންގާ ގޭންގު ތަކުން ހިންގަމުން ދާ ރައީސް ނަޝީދުގެ ބަހުރުވައިން ނަމަ ކޮންޓުރަކުޓު ކިލިން.