އޭސީސީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ޙަރަކާތްތައް އަމާޒުކުރެވޭނީ އިސްކަންދޭ މައިގަނޑު 4 ދާއިރާއެއްގެ މައްޗަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީގެ މަސައްކަތްތައް ކުރިއަށް އޮތް 5 އަހަރު ދުވަހަށް އިސްތިރާތީޖީ ގޮތުން ރާވާފައިވާ ގޮތުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ބުރާސްފަތި ދުވަހު 2020-2024 އިފްތިތާޙް ކޮށްފައިވާއިރު, އެ ކޮމިޝަނުން ބުނީ މި ޕްލޭނަކީ ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ކޮމިޝަނުގެ މަސައްކަތްތަކުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށްޓަކައި ކޮމިޝަނުން ކުރާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއްބައި ކަމަށެވެ.
މީގެ އިތުރުން އޭސީސީން ބުނީ މި ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ޚިޔާލާއި މަޝްވަރާ ހިމަނާފައި ވާނެކަމަށެވެ. އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި، ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑާއި، ކޮމިޝަނުގެ މުވައްޒަފުންގެ ތަޖުރިބާގެ އަލީގައި ކޮމިޝަނުގެ މަސައްކަތްތަކުގައި މިހާރު ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި ކޮމިޝަނުން ޢަމަލުކުރަމުންދާ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމާނެ މައްސަލަތަކެއްގެ ގޮތުގައި ހެދުމަށް ކޮމިޝަނުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ޙަރަކާތްތައް ހިމެނޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުން ބުނީ ކުރިއަށް ރަވާފައިވާ މައިގަނޑު މަސައްކަތްތަކަކީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އިވެލުއޭޓުކުރުމާއި، މައްސަލަތައް އިސްކަންދޭ ތަރުތީބު ކަނޑައެޅުމާއި، ޤައުމީ އެންޓި-ކޮރަޕްޝަން ޕްލޭނެއް އެކުލަވާލުމާއި، ކޮރަޕްޝަނާއި ނަޒާހަތްތެރިކަމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ދައުލަތުގެ ހުރިހާ އިދާރާއަކުންވެސް ކޮރަޕްޝަންގެ ހިރާސް ނައްތާލައި، ނަޒާހަތްތެރިކަމުގެ މިންގަނޑުތައް ތަންފީޒުކުރުމަށް ބާރުއެޅުމަށް ކޮމިޝަނުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ.
އެގޮތުން އެ ކޮމިޝަނުން އިސްކަންދޭ މައިގަނޑު 4 ދާއިރާއަކީ މުވައްޒަފުންގެ ބައިވެރިވުން، އިސްނަގައި ވިޔަނުދިނުން، ތަޙުޤީޤީ އަރުތަ އަދި ސިޔާސަތު، ސުލޫކު އަދި އަޚުލާޤުގެ އިޞްލާޙީ ބަދަލެވެ.
މުވައްޒަފުންގެ ބައިވެރިވުން
އެ ކޮމިޝަނުން ބުނީ މުވައްޒަފުންގެ ބައިވެރިވުމުގައި ހިމެނެނީ މުވައްޒަފުންގެ އަގުވަޒަންކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އެކަމަށް ބޭނުންވާ އެކި ދާއިރާތަކުން ޚާއްޞަވުމަށް ތަޖުރިބާއާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ޕްރޮފެޝަނަލް، ގަޔާވާ މަސައްކަތު މާޙައުލެއް ޤާއިމްކުރުމާއި، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންތަކެއް ބިނާކުރުމަށް ކޮމިޝަނުގެ ހުރިހާ ޔުނިތްތަކެއް ގުޅިގެން މަސައްކަތްކުރުން ކަމަށެވެ.
އިސްނަގައި ވިޔަނުދިނުން
އޭސީސީއިން ބުނީ އިސްނަގައި ވިޔަނުދިނުމުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ހުރިހާ އިދާރާއަކުންވެސް ޢަމަލުކުރަންޖެހޭ ނަޒާހަތްތެރިކަމުގެ މަބްދައުތަކާއި، ހަރުދަނާ ހިންގުމުގެ މިންގަނޑުތައް އެއްގޮތްކޮށް އެއަށް ޢަމަލުކުރުން ހަރުދަނާކުރުމަށް މަސައްކަތްކުރުމާއި ކޮރަޕްޝަނުގެ ކުށް ކުރާ ގޮތްތަކުގައި ހުރި އެއްގޮތް ކަންކަމާއި ބަދަލުވުންތަކާއި، ކޮރަޕްޝަނުގެ ޢަމަލު ހިންގުމާ ގުޅިފައިވާ ސަބަބުތަކާއި، ކޮރަޕްޝަނުގެ ޢަމަލު ހިންގެނޭ ގޮތަށް ނިޒާމީ ގޮތުން ހުރި ބާގަނޑުތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުމާއި ތަޙުޤީޤުތަކުންނާއި، ދިރާސާތަކުން ދެވޭ އިރުޝާދާއި ލަފާ ތަންފީޒުކުރުމަށް އިދާރާތަކާއެކު މަސައްކަތްކުރުން ކަމަށެވެ.
ތަޙުޤީޤީ އަރުތަ
ތަޙުޤީޤީ އަރުތައަކީ ތަޙުޤީޤީ މަސައްކަތް ކުރާ މުވައްޒަފުންގެ ޤާބިލިއްޔަތުކަން އިތުރުކޮށް، ތަޙުޤީޤުކުރުމާއި ޑިއުޓީ ޕްރޮސެކިއުޝަންގެ އެންމެހައި މަރުޙަލާއެއްގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ދައުލަތަށް ވެއްދުމުގެ ކާމިޔާބު ނިޒާމެއް ޤާއިމްކުރުމަށް ގުޅުންހުރި އިދާރާތަކާއެކު ގުޅިގެން ކޮމިޝަނުން މަސައްކަތް ކުރުން ކަމަށް އޭސީސީއިން ބުނެއެވެ.
ސިޔާސަތު، ސުލޫކު އަދި އަޚުލާޤުގެ އިޞްލާޙީ ބަދަލު
މީގެ ތެރޭގައި ހިމެނެނީ ކޮމިޝަނުން ބޭނުންވާ މަޢުނަވީ ބަދަލު ޙާޞިލުކުރުމަށް، ކާމާގުޅުންހުރި އެންމެހައި އިދާރާތަކާއެކު، ގުޅިގެން އެކުގައި މަސައްކަތްކުރާ މިންވަރު އިތުރުކުރުމާއި ކޮރަޕްޝަނުގެ އެންމެހައި ކުށްތައް ހިންގިޔަ ނުދިނުމަށާއި، ހުއްޓުވުމަށާއި، މަނާކުރުމަށާއި، އަދި ކޮރަޕްޝަނުގެ ކުށްތަކަށް އެކަށީގެންވާ އަދަބު ދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް މަސައްކަތްކުރުމާއި ކޮރަޕްޝަނުގެ ސަބަބުން ލިބޭ ގެއްލުމުގެ މައްޗަށް ހޭލުންތެރިކުރުވައި، ރައްޔިތުންނާއި ދައުލަތުގެ މުވައްޒަފުންނަށް އުނގަންނައިދިނުމުގެ މަސައްކަތްކުރުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެއެވެ.