ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ބުދަ ދުވަހުގެ ނިޔަލަށް 67،564 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ މައުލޫމާތުތައް ދައްކާގޮތުން މި ހިނގާ ނޮވެމްބަރު މަހު އެކަނިވެސް ދުނިޔޭގެ އެކިއެކި ޤައުމުތަކުން ރާއްޖެއަށް 27,182 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އޮކްޓޯބަރު މަހަށްވުރެ 5667 އަދަދުގެ އިތުރުވުމުކެވެ.
ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެގޮތުން އެ ގައުމުން 14,855 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެ ޤައުމުން މިހާތަނަށް 7،652 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 5،035 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، ކުރިއަށް އޮތީ އެހެނިހެން ގައުމުތަކަށް ފިނިމޫސުމުގެ ދުވަސްވަރަށް ވުމުން މި ދުވަސްވަރާއި ދިމާކޮށް ގިނަ އެއަރަލައިން ތަކަކުން ވަނީ މިމަހުގެ ބާކީއޮތް ދުވަސްތަކާއި އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ތާވާލްކޮށްފައެވެ.
އެގޮތުން ނޮވެމްބަރު މަސް ނިމެންވާއިރަށް މަދުވެގެން 18 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި 126 ރިޒޯޓަކާއި 119 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 123 ސަފާރީއެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.