ވަގަށް ނަގާފައި ހުންނަ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކެއް އެބަ އުޅޭ ކަމަށާއި، އެކަން އެހެން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް އަލީ ފާއިޒް ވިދާޅުވީ އެއްޗެއްގެ ހަމައަގު ފިޔަވައި އިތުރު އަގެއްގައި ގޮތް ނޭނގޭ މީހަކު އެއްޗެއް ވިއްކާނަމަ އެ އެއްޗެއް ގަތުމުގެ ބަދަލުގައި ފުލުހުންގެ ހިލޭ ގުޅޭ ނަމްބަރު 119 އަށް ގުޅައި މި މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްފިނަމަ އެފަދަ ފަރާތްތަކަށް އެތަކެތި ނަގައިގެން ވިއްކުމުގެ ފުރުސަތު ވަރަށްބޮޑަށް ހަނިވެގެން ދާނެ ކަމަށް ފާއިޒް ވިދާޅުވިއެވެ.
ވަރަށް ބޮޑަށް އިލްތިމާސް ކޮށްލަން ބޭނުންވޭ އެއެއްޗެއްގެ ހަމަ އަގު ފިޔަވާ އިތުރު އަގެއްގައި މިތަކެތި ހިފައިގެން ގޮތް ނޭންގޭ މީހަކު ބާޒާރުމަތީގައި އޮޑިދޯނިފަހަރަށް އަރައި މިކަންކަން ކުރާކަމަށްވަންޏާ އެ އެއްޗިހި ގަތުމުގެ ބަދަލުގައި އަޅުގަނޑުމެންގެ 119 އަށް ގުޅައި މި މައުލޫމާތުތައް ފޯރުކޮށްދެއްވާށޭޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް އަލީ ފާއިޒް
މިހެން ވަގަށް ނަގާ ތަކެތި ބާޒާރުމަތީގައި އޮންނަ އޮޑިދޯނިފަހަރަށް އަރައި ނުއަގުގައި ވިއްކަމުން ދާކަން ފާހަގަ ކުރެވޭ ކަމަށް ފާއިޒް ވިދާޅުވިއެވެ. އެގޮތުން އޮޑިދޯނިފަހަރުގައި މަސައްކަތް ކުރާ ބިދޭސީން އެތަކެތި ގަނެ އެހެން ރަށްރަށަށް ގެންގޮސް ވިއްކާ ހަދާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އޮޑިދޯނިފަހަރުގައި ތިބޭ ފަރާތްތަކުން އެކަންކަމަށް ސަމާލުވުމަށާއި، އެތަކެތި ނުގަނެ ފުލުހުންނަށް ރިޕޯޓް ކުރުމަށް ފާއިޒް އެދިވަޑައިގެންނެވިއެވެ.
ބަނދަރުމަތީގައި ހުންނަ އޮޑިދޯނިފަހަރަށް އަރައިގެން ތަކެތި ވިއްކާކަން ފާހަގަކުރެވޭ. އޭގެ ތެރޭގައި މިހަރު ވަރަށް ގިނަ އޮޑިދޯނިފަހަރުގައި ބިދޭސީންވެސް އެބައުޅޭ. އެ މީހުން ވެސް އެބަގަނޭ މިތަކެތި. ގަނެގެން އެއްރަށުން އަނެއް ރަށެއް ގެންގޮސް ވިއްކާ ހަދާކަން ފާހަގަ ކުރެވޭޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް އަލީ ފާއިޒް
މީގެ އިތުރުން މާލެގައި ހުންނަ ކުދި ފިހާރަތަކަށްވެސް ވަގަށް ނަގާފައި ހުންނަ ތަކެތި ވިއްކަމުން ދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އެތަކެތި ގަނެ އެތަކެތީގެ ސްޕެއަރތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ވިއްކާ ފަރާތްތަކެއް ވެސް އުޅޭ ކަމަށް ފާއިޒް ވިދާޅުވިއެވެ.
ފުލުހުންނަށް އާންމުކޮށް ހުށަހެޅޭ ފެރުމުގެ މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެވނީ ގޯތިގެދޮރަށްވަދެ ފޭރުމާއި މަގުމަތިން ހިނގާފައިދާ މީހުންގެ އަތުން ފޭރުމާއި ސައިކަލް ނުވަތަ ބައިސްކަލްދުއްވާފައި ދާ މީހުންގެ އަތުން ފޭރޭ މައްސަލަތަކެވެ.
އެންމެ ގިނައިން ފޭރިފައިވަނީ މަގުމަތިން ހިނގާފައިދާ މީހުންގެ މޮބައިލް ފޯނު ނުވަތަ އަތްދަބަސްފަދަ ތަކެއްޗެވެ. އެގޮތުން ޕޭވްމަންޓް މަތިންނާއި ޒިބްރާ ކްރޮސްއިން ހިނގާފަދާ މީހުމްހެ މޮބައިލް ފޯން ފެރިގެންދާކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި ގިނަ ފަހަރަށް މިފަދަ ކަންކަން ދިމާވަނީ ބިދޭސީންނަށް ކަމަށްވެސް ފާހަގަކުރިއެވެ.