ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލު އައްޔަން ކުރައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާޒީ އަހުމަދު ޝަކީލު ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް އައްޔަން ކުރަން އެ ކޮމިޝަނުން ނިންމައި، މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ޖޭއެސްސީގައި ބާއްވާފައިވާ ކަމަށެވެ. ގާޒީ ޝަކީލުއަށް މަގާމުގެ ފަތްކޮޅު އެރުވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއެވެ.
ގާޒީ އަހުމަދު ޝަކީލު ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފްޝަރީޢާ އަދި ޝަރީޢާ އިން މާސްޓަރސް ހާޞިލް ކުރައްވާފައެވެ. މީގެ އިތުރުން އަޙްމަދު ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ކުރިން މަސައްކަތްކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލް ކޯޓާއި، ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ކްރިމިނަލް ކޯޓު ހިމެނެއެވެ.