މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށާއި އެކަމަށްޓަކައި ކުރާ މަސައްކަތް ވަރަށްވެސް ކާމިޔާބު ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބިދެވުނު ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ، ހަމަޖެހިގެން ސުލްހަވެރިކަމާއިއެކު ދިރިއުޅެވޭނެ މާޙައުލެއް މި ޤައުމުގައި ޤާއިމުކޮށްދެވުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް، ސިފައިން މަސައްކަތް ކުރަމުން ދާނީ، މި ޞުލްޙަވެރި، އަމާން މާޙައުލު، ދަމަހައްޓައި ނަގަހައްޓައި ދިނުމަށް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ސިފައިންނަށް ހޯދައިދެވުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ، ސިޔާސީ ނުފޫޒުން އެ މުއައްސަސާ އެއްކިބާކޮށް، ސިފައިންގެ ކަންކަމުގައި ސިފައިންގެ ޚިޔާލާއި މަޝްވަރާއަށް ފުރުސަތު ހުޅުވާލުން ކަމަަށް ވިދާޅުވިއެވެ. އަދި އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މާޙައުލަކަށް ޖާގަދީ، ސިފައިންގެ ތެރޭގައި ޢަދުލު އިންސާފު ޤާއިމްކުރެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަ ސަބަބު ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރާ އަންހެން ސިފައިންގެ ނިސްބަތް، މިދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، 2 ގުނަ އިތުރުވެފައިވާ ކަމަށެވެ.
ހަގީގީ ސިފައިންގެ ހުންނަންވާނެ ސިފަތަކަށް އަލިއަޅުއްވާލާ މިނިސްޓަރ ވިދާޅުވީ، ޙަޤީޤީ ސިފައިންގެ މީހާ ހަތިޔާރު ނަގަނީ އޭނާގެ ކުރިމަތީގައިވާ މީހާއަށް ކުރާ ނަފްރަތެއްގެ ސަބަބުން ނޫން ކަމަށެވެ. އެގޮތުން އޭނާ ހަތިޔާރު ނަގާނީ ދިވެހި ފަސްގަނޑުގެ ދިފާއުގައި ނުވަތަ އާއިލާއާއި ރަޙްމަތްތެރިންނާއި އަވަށްޓެރިންނާއި ދިވެހި ލޭ ހިނގާ މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްޤުގައި ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ދަ ބޭސިކް ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ރަސްމިއްޔާތުގައި ރައީސް އަދި ދިފާއި ވަޒީރު އަރިހުގައި، ސިފައިންގެ އިސްބޭބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.