ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވައިލައިފިއެވެ.
ބުރާސްފަތި ދުވަހު އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ.
އެމްއެންޔޫއިން އެންމެ ފަހުން ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލައި އަމަލުކޮށްފައި ވަނީ 2013 އިން 2017 ވަނަ އަހަރުގެ ނިޔަލަށެވެ.
އައު ސްޓްރެޓެޖިކް ޕްލޭން ހިންގަން ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުން 2025 ވަނަ އަހަރާ ހަމައަށް ފަސް އަހަރަށް ބަހާލައިގެންނެވެ. މި ޕްލޭންގެ ދަށުން ފަސް އަހަރުގެ މައްޗައް ލަނޑުދަނޑިތައް ބަހާލެވިފައި ވަނީ މައިގަނޑު 10 މާއްދާއަކަށެވެ.
އޭގެ ތެރޭގައި އުނގަންނައި ދިނުމުގައި އެންމެ މަތީ ހަރުފަތަށް ވާސިލުވުމާއި، ދިރާސާ ކުރުމާއި އުފެއްދުންތެރިކަމުގައި ލާމަސީލު ނަމޫނާއަކަށް ވުމާއި، ދިވެހިންގެ އަމިއްލަކަން ކުރިއެރުވުމާއި، ފެންވަރު ރަނގަޅު މީހުން ބިނާ ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރު ކުރުމާއި، މީހުން ހަރުދަނާ ކުރުމާ އިސްނެގުމާ ނަމުނާ ދައްކާ ބަޔަކަށް ވުން ހިމެނެއެވެ.
މީގެ އިތުރުން ފުޅާ ދާއިރާއެއްގައި މުޖްތަމައުއާއި ގުޅުން ބަދަހި ކުރުމާއި، މަސައްކަތް ކުރާނެ ރަނގަޅު ވެއްޓެއް ގާއިމްކުރުމާއި، ދަރިވަރުން ކާމިޔާބު ބަޔަކަށް ހެދުމާ ބާރުވެރި ކުރުމުގެ އިތުރުން ގައުމީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުން ބަދަހި ކުރާ ބަޔަކަށް ވުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިތުރުން އެމްއެންޔޫގެ ޗާންސެލަރ ޑރ. ހަސަން ހަމީދް އާއި ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް އާއި ޑެޕިޔުޓީ ވައިސް ޗާންސެލަރ ޑރ. ހުސެއިން ހަލީމްގެ އިތުރުން އެމްއެންޔޫގެ އިސްވެރިން ބައިވެރި ވަޑައިގެންފައިވެއެވެ.