ކޮވިޑް-19 ލޮކްޑައުންގައި ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ފާހަގަވެ ތަހުގީގީ އިދާރާތަކަށް އެކަންކަން ބެލުމަށް ހުށަހަޅާފައިވާ ކަމަށް މޯލްޑިވިސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްޕީއެލްއިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑާއި ގުޅިގެން، ލޮކްޑައުންގައި އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަން ފާހަގަވެފައިވާ ކަމަށާއި އެކަމަށް ކުންފުނީގެ އިންޓަރނަލް އޮޑިޓުން މިހާރު ރިޕޯޓެއް އެކުލަވާލައިފައިވާކަމަށެވެ.
އެގޮތުން މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވުމާއެކު، އެ ކަންތައްތައް ބެލުމަށް ތަހުޤީގެއް ހިނގަމުންދާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ހިންގަމުންދާ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، މި ކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކޮށް، މަސައްކަތުން އެކަހެރިކުރެވިފައިވާ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް، ފުލުހުންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް ވަނީ ހުށަހަޅާފައެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ، ކޮރަޕްޝަންގެ މައްސަލަތަކަކީ އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއް ކަމަށާއި އެފަދަ އަމަލެއްގައި ޝާމިލްވާ މުވައްޒަފަކާމެދު، ޤާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޔާއަތްކޮށް، މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ކުންފުނިން އަޅަމުންދާކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
''ރާއްޖެއެމްވީ'' އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ދެމުން ބުނީ، މި މައްސަލަތައް ފެންމަތިވުމާއި އެކު ކުންފުނިން ބެލި ބެލުމުގައި އެކަމުގައި ޝާމިލްވި ކަމަށް ފާާހަގަވާ 4 މީހަކު ފުރަތަމަ ސަަސްޕެންޑްކޮށް މަސައްކަތާއި އެކަހެރި ކުރިކަމަށެވެ. އިތުރަށް އެކަންކަން ބަލައި، އޭގެ ތެރެއިން އެކެއްގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އޭނާގެ ސަސްޕެންޝަން އުވާލާފައިވަނީ، އިތުރަށް ބެލި ބެލުމުގައި އޭނާގެ ޝާމިލްވުމެއް ނެތްކަން ފާހަގަވާތީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި، މިހާރު ސަސްޕެންޝަންގައި ތިބީ ތިން މުވައްޒަފެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމުގައި ހިމެނެނީ ޖޫނިއަރ ލެވެލް އޮޕަރޭޝަނަލް ސްޓާފުންނެވެ.