ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި މަހުގެ މިހާތަނަށް 86 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިންތިހާބުގެ ހާއްސަ ގާނޫނުގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު، ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.
އީސީން ބުނީ، 86 ކެނޑިޑޭޓުންގެ ތެރެއިން 59 ކެންޑިޑޭޓުންނަކީ ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށާއި، އަދި ބާކީ 27 ކެންޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކެވެ.
ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރާ 27 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ 41 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވާދަކުރާ 12 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެންމެ މަދުން ނަން އަނބުރާ ގެންގޮސްފައިވަނީ ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީން ވާދަކުރާ ހަ ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
މި އަަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ. އެއާއެކު ކައުންސިލްތަކުގެ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެސް އެ އިސްލާހު ވަނީ ތަސްދީގުކޮށްފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން މިހާރު ތާވާލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހަށެވެ. ނަމަވެސް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޖެނުއަރީ މަހުގެ ފަހެއްގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ނުދީފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.