މި އަހަރަށް އަންދާޒާކޮށްފައިވާ އަދަދަށް ފަތުރުވެރިން ރާއްޖެ އައުން އެކަށީގެންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާރޗް މަހު ބޯޑަރު ބަންދު ކުރުމަށް ފަހު ޖުލައި މަހު އަލުން ހުޅުވާލި ފަހުން ހިތްހަމަޖެހޭ މިންވަރަށް ފަތުރުވެރިން ރާއްޖެ އަންނަ ކަމަށެވެ. އަދި އަދަދުތަށް މިހެން ފެންނަ ނަމަ މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓް ހާސިލްވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ފަރާތްތަކުން ބުރަ މަސައްކަތް ކުރުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ބޯޑަރު އަލުން ހުޅުވާލި ފަހުން ޓޫރިޒަމްގެ ޓާގެޓަކަށްވީ އެއް ލައްކަ ފަތުރު ވެރިން ގެނަނުން ކަމަށާއި، އަހަރު ނިމެންވާއިރަށް ކަނޑައަޅާފައިވާ ޖުމްލަ ފަސް ލައްކަ ފަތުރުވެރިންގެ ޓާގެޓަށް ވުރެ އިތުރަށްވެސް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.
ހިތްހަމަ ޖެހޭ އިގޭތޯ. އެއީ ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާ އަތުގަ މަސައްކަތް ކުރާ ހުރިހާ ބޭފުޅުން، ހަމަ ޓްރެވެލް އޭގެންޓުނާ އެއަރލައިންތަކާއި، ރިސޯޓް، ހޮޓާ، ސަފާރީ މި ހުރިހާ ބޭފުޅުންގެ ހަމަ މިންނެތް މަސައްކަތުން މި ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަށް ގޮއްސަ މިއޮތީ. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި އަހަރަށް އުންމީދު ކުރި ޓާގެޓު ހާސިލް ވާނެ. މި އެއްލައްކަ ފަތުރުވެރިން މި ފުރަތަމަ އަޅުގަނޑުމެން އަމާޒު ކުރީ ބޯޑަރ ހުޅުވުމަށްފަހު ގެނެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ އެ އަދަދު މިހާރު ފަހަނައަޅާގޮސް އަޅުގަނޑުމެއްގެ މުޅި ޖުމްލަ އަހަރީ ޓާގެޓު އެއީ ފަސްލައްކަ ފަތުރުވެރިން އިރާދަ ކުރެއްވިއްޔާ މި އަހަރު ތެރޭގަ ގެނެވޭނެ. މިހާރު ނަންބަރުތައް ދައްކާ ގޮތުން އިރާދަކުރެއްވިއްޔާ އެކަންތައް ވާނެ.ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު
ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ ނޮވެމްބަރު މަހާއި ޑިސެމްބަރ މަހު އިތުރު 10 އެއާރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ. އަލަށް ދަތުރުފަށާ އެއާރލައިންތަކުގެ ތެރޭގައި ހިމެނެނީ، ޔޫކްރެއިން އިންޓަރނޭޝަނަލް އެއާރލައިންސް، ނޯރޑްވިންޑް، އަޒުރ އެއާރ ރަޝިއާ، އެއާރ ސީޝެލްސް، އެލިޓާލިއާ، އެއާރ ފްރާންސް، އަޒުރ އެއާރ ޔޫކްރެއިން، ނިއޮސް ސްޕާ، ގަލްފް އެއާރ އަދި ރޮސިއާ އެއާރލައިންސް އެވެ.
އެއަރލައިންސްތަކުގެ ދަތުރުތައް އިތުރުވުމާއި ގުޅިގެން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އިތުރު ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން އަންދާޒާ ކުރެއެވެ. އަދި ޔޫރަޕުގެ ގައުމުތަކުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އުވާލުމުން ވެސް މި އަދަދުތައް އިތުރުވާނެ ކަމަށް ބެލެވެއެވެ.