ރިސޯޓު ހަދަން ވިއްކާފައި ހުރި ރަށްތަކުގައި އެ މަސައްކަތް ނުފެށި ލަސްވާ ކޮންމެ ދުވަހަކީ ރައްޔިތުންނާއި ސަރުކާރަށް އެތައް ގެއްލުމެއް ލިބެމުންދާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރުވެސް ރިސޯޓު ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 85 ރަށެއް ވިއްކައި އެތަނުން އެއްވެސް ރަށެއްގައި ރައްޔިތުންނަށް މަންފާ ލިބޭނެ އެއްވެސް މަސައްކަތެއް ހިނގަމުން ނުދާ ކަަމަށް ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.
އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މިނިސްޓަރ މައުސޫމު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގައި އެއްވެސް މަސައްކަތެއް ނުހިނގާ އޮތުމަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އަދި އެތަންތަނުގައި ރިސޯޓު ހެދުމަށް ކުރަންޖެހޭ މަސައްކަތް ނުފެށި ލަސްވާ ލަސްވުން، ޓޫރިޒަމް މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
މިހާރު 85 ތަނުގެ ތެރެއިން 61 އެއްތަނަކީ ރަށް، ދެން ހުރީ ފަޅު ތަކުގެ ތެރެއިން ހިއްކާފައި އޮތް 5 ތަން، އަދި ހިއްކަމުންދާ 5 ތަނާއި އެއްވެސް ވަރަކަށް އަތް ނުލާވެސް އެބަހުރި ތަންތަން. މިއީ ރައްޔިތުންނަށް ފައިސާ ލިބެންވީ އެއްޗިއްސޭ. ކޮންމެ ފަހަރަކުވެސް ހަމަ ޓޫރިޒަމްގެ ގާނޫނާ ކުޅެފަަ ކޮން ބައެއްތޯ މީގެ ޒިންމާ ނަގަނީ.ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
މިނިސްޓަރު ވިދާޅުވީ، ރިސޯޓުތައް ހެދުމަށް ކުންފުނިތަކަށް 99 އަހަރަށް ދޫކޮށްގެން ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ވަންނަ ފައިސާގެ ނިސްބަތް އެތައް ތަނެއް އިތުރު ވެގެންދާނެ ކަމަށެވެ.
ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ އެކި ސަރަހައްދުތަކުގައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ކަނޑައެޅުމަށް، ޓޫރިޒަމް މިނިސްޓްރީން މިހާރު ގެންނަން ނިންމާފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެބަދަލަކީ ކޮންމެހެން ވެސް ގެންނަންޖެހޭ މުހިންމު ބަދަލެއް ކަމަށެވެ.
އައްޑޫ ސިޓީގައާއި ތިލަދުންމަތީގައި ޓޫރިޒަމްގެ ސިނާއަތް ވަރުގަދަކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ މިނިސްޓަރު މައުސޫމް ވިދާޅުވީ، އެސަރަހައްދުތަކުގެ ބިމުގެ ކުލިން ވަރަށް ބޮޑު ތަނެއް ކުޑަކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ބިންތަކުން އެސަރަހައްދުގެ ޓޫރިޒަމަށް ނަގާފައިވާ ރަށްރަށުގެ ބިމުގެ ކުއްޔަށްވުރެ 50 އިންސައްތަ ކުޑަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިކަމަކީ ރައްޔިތުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، ގައުމުގައި ފަތުރުވެރިކަން އިތުރުކުރުމަށް ކުރެވިގެންދާނެ މުހިންމު މަސައްކަތަކަށް ވެގެންދާނެ ކަމަށެވެ.