ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލަރ ތައުރީފުކުރައްވައިފިއެވެ.
އިނގިރޭސި ސަފީރު މިހެން ވިދާޅުވީ، ނައިބު ރައީސް ފައިސަލް ނަސީމްއަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މިހާރު ވެސް އޮތް ބަދަހި ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، ރާއްޖޭގައި ޤާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން މަޤާމުގެ ފުރަތަމަ އަހަރު ފުރިހަމަކުރައްވާފައިވާތީ މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އެ ކަމަނާގެ ސަފީރުކަމުގައި ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ ރޮނގުން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވަވާފައެވެ. އަދި ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތްއާއި ގުޅުމަށް ކުރި މަސައްކަތް އަވަސްކޮށް، ކާމިޔާބު ކުރުމުގައި އެ ކަމަނާ ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ނައިބު ރައީސްއާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން އިނގިރޭސި ސަފީރު ވަނީ ތަޢުލީމާއި އިޤްތިޞާދާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ އިތުރުން ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މި ދާއިރާތަކުން ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ހޯދަދިނުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުމަށް ރައްކާތެރިކަން ބަޔާންކުރާ ކޮރިޑޯ ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިވާތީ އެކަން ފާހަގަކުރައްވައި، އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމުކަން ފާހަގަކުރައްވައި، ކޯވިޑް-19 ގެ ހާލަތަށްފަހު ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވައި ފަތުރުވެރިކަން އަލުން ފަށައިގަތުމާއެކު އިނގިރޭސިވިލާތުގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުން ދިއުމަކީ ދިވެހިރާއްޖެއިން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވެވުމުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީއަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ޤައުމުގެ ސަރުކާރުން ހެޔޮ ގޮތްތަކެއް ހަދައިދިނުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.