މާލެ ހިޔާ ފުރަގަހުގައި ހިންގަމުން ދިޔަ ފްލޫ ކްލިނިކުގެ ހިދުމަތް 29 ނޮވެމްބަރު 2020 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުކޮށްފިއެވެ.
މިކަމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، މާލެ ހިޔާ ފުރަގަހުގައި ހުރި ފްލޫ ކްލިނިކުން ހިދުމަތްދިނުން ހުއްޓާލިނަމަވެސް، ސެނަހިޔާ ފްލޫ ކްލިނިކްގެ ހިދުމަތްތައް ކުރިއެކޭވެސް އެއްފަދައިން ދެމުންގެންދާނެ ކަމަށް ހާމަކޮށްފައެވެ.
މާލެ ހިޔާ ފްލޫ ކްލިނިކް ގާއިމްކުރެވިގެން ދިޔައީ ކޮވިޑް-19 ދުނިޔޭގެ ގައުމުތަކުގައި ފެތުރެން ފެށުމާއި ގުޅިގެންނެވެ. އެގޮތުން މި ކްލިނިކުގައި ފުރަތަމަ ހިދުމަތްދޭން ފެށުނީ، ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް ހާއްސަކުރެވިގެން ދަތުރުވެރިންގެ ކްލިނިކެއްގެ ގޮތުގައެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވެ، ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް އިތުރުވާން ފެށުމުން މާލެ ހިޔާ ފްލޫ ކްލިނިކުން ވަނީ ކޮވިޑުގެ އަލާމާތްތައް ހުރި ފަރާތްތަކުގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަން ފަށާފައެވެ.