ބިދޭސީންނަށް ދިގު މުއްދަތަކަށް ވިސާ ލިބޭނޭހެން އިމިގްރޭޝަން ގާނޫނަށް ގެނައި ދެވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގްކުރައްވައިފިއެވެ.
މި އިސްލާހުގެ ދަށުން ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ އިތުރު ދެ ވީސާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ، މީޓިންގ ވީސާއާއި ކޯޕަރޭޓް ރެސިޑެންޓް ވީސާއެވެ. އަދި، މި ގާނޫނުގެ ދަށުން ހަދާ ގާވާއިދުގައިވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވީސާތައް ދޫކުރާނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނެވެ.
މީޓިންގ ވީސާއަކީ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއް، ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެ ނޫން ވެސް ފަރާތަކުން އިންތިޒާމްކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެކެވެ.
ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރަޖިސްޓްރާރ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެ ނޫން ވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ ޢާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 އެމެރިކާ ޑޮލަރު 5 އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވީސާއެވެ. ހަމަ އެއާއެކު ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ.
މި ބިލަކީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ދިޔައިރު މިއީ ރާއްޖެއަށް އިންވެސްޓްމަންޓްތައް އިތުރުކުރަން ކުރަން މުހިއްމު ކަމެއްކަމަށް ވިދާޅުވެ މި ބިލަށް ތާއީދުކުރައްވާ ގިނަ މެމްބަރުންތަކެއް ވާހަކަދައްކަވާފައިވެއެވެ.