ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ޤާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) ގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.
އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބުދަ ދުވަހު ބޭއްވި އަޑުއެހުން ކެންސަލް ކޮށްފައިވަނީ މިމައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި އަޑުއެހުން ކުރިއަށް ގެންދެވިފައި ނުވަނީ މައްސަލައާ ގުޅިގެން ވަކީލަކާ މަޝްވަރާ ކުރުމުގެ އެކަށީގެންވާ ފުރުސަތު ލިބިއްޖެނަމަ، އައު ވަކީލަކާއެކު ކުރިއަށް ދިއުމަށް އެދޭ ކަމަށް އަދުހަމު ފާހަގަކުރުމާ ގުޅިގެންނެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންވެސް ކުރިއަށް ނުގެންދެވުނީ ވަކީލަކު ހަމަޖެއްސުމަށް އަދުހަމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެ އަޑުއެހުމުގައި އަދުހަމް ވަނީ މީގެކުރިން ދައުލަތުން އޭނާއަށް ހަމަޖައްސައިދިން ގާނޫނީ ވަކީލާއެކު މި މައްސަލާގައި ކުރިއަށް ދިއުމުގެ ބަދަލުގައި، އަމިއްލައަށް ގާނޫނީ ވަކީލެއް އައްޔަން ކުރުމަށްފަހު، މައްސަލާގައި ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.
އެގޮތުން ޤާނޫނީ ވަކީލެއް ހަމަޖެއްސުމަށް ޤާނޫނީ ވަކީލަކާއެކު ވާހަކަ ދެކެވެމުންދާކަން އަދުހަމް އޭރުވެސް ފާހަގަ ކުރިއެވެ. އެހެންނަމަވެސް 11 އޮކްޓޯބަރުގައި އަޑުއެހުން ބޭއްވި އިރުވެސް އަދުހަމު ވަނީ ވަކީލަކު ހަމަ ނުޖެހޭކަމަށް ބުނެފައެވެ.
ގާސިމް މަރާލާފައި މަގުމަތީ އޮތްވާ ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލެ މަގުމަތިންނެވެ.
އަދުހަމްގެ މައްޗަށް އުފުލާފައިވާ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. ނަމަވެސް އެ އިއުތިރާފް އޭގެފަހުން ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކޮށްފައި ވެއެވެ.