މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅުންހުރި ދާއިރާތަކާއެކު ހޯމް މިނިސްޓްރީން މަސައްކަތްތަކެއް ފަށައިފި އެވެ.
ހޯމް މިނިސްޓްރީން އިސްވެ މިމަސައްކަތް ހައްލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މާލޭ ސިޓީ ކައުންސިލެވެ.
މިއީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރެއްވުމަށް ފެއްޓެވި މަސައްކަތެއްކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހޯމް މިނިސްޓްރީން އިސްވެ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެއްޓެވީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން، މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ މިކަން ހައްލުކުރެއްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.