ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައެޅުއްވި ސަފީރު އާމިނަތު ޝަބީނާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ޕްރައިމް މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް، އަދި ރޫލަރ އޮފް ދުބާއި، ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އަށް އަރުވައިފި އެވެ.
އަބޫދާބީގައި ހުންނަ ޤަސްރު އަލް ވަޠަން ގަނޑުވަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިތުރުން 7 ޤައުމަކުން ސަފީރުން ފަތްކޮޅު އެރުވި އެވެ.
އެ ރަސްމިއްޔާތުގެ ފަހުން ބޭއްވި ބައްދަލުވުމުގައި ޝެއިޚް މުޙައްމަދު ބިން ރާޝިދު ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ސަފީރުންނަށް މަރްހަބާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި، އަލް މަޚްތޫމް ދެއްކެވި ވާހަކަފުޅުގައި އެ ބޭބޭފުޅުންގެ ޤައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް އެކުވެރި ޢަރަބި ޢިމާރާތުން އަބަދުވެސް އެއްބާރުލުން ދެއްވާކަމުގެ ޔަޤީންކަން އަރުވައި، މިކަންކުރުމުގައި ސަފީރުންގެ މަސައްކަތްޕުޅަށް ބޭނުންފުޅުވާ ކަންކަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަން ކަށަވަރު ކޮށްދެއްވި އެވެ.
ދިވެހިރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައެޅުއްވި ސަފީރު އާމިނަތު ޝަބީނާ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރު، އަދި ދިވެހި ރައްޔިތުންގެ ފަރާތުން އެކުވެރި ޢަރަބި ޢިމާރާތުގެ ވެރިންނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީ އަދި ހެޔޮ ދުޢާ އަރިސް ކުރެއްވިއެވެ.
އަދި ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަޤީންކަން ދެއްވިއެވެ.