ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 08:28
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން
އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ޝާހިދު ނައިޖަރ އަށް ފުރާވަޑައިގެންފި
ރާއްޖެއިން އޯ.އައި.ސީގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރު
އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމު އޮވޭ
މިބައްދަލުވުން އޮންނާނީ ނޮވެމްބަރު 27 އިން 28 އަށް

އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު، ނައިޖަރ އަށް ފުރާވަޑައިގެންފި އެވެ.

އޯ.އައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 27 އިން 28 އަށް ރިޕަބްލިކް އޮފް ނައިޖަރގެ ވެރިރަށް ނިއާމޭގައެވެ.

އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްޤީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" މި ޝިއާރެ އެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤްރީރު ކުރައްވަމުން، ކޮވިޑް-19ގެ ޙާލަތު ރާއްޖޭގައި އޮތް ގޮތާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވާނެ އެވެ.

އަދި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ދިވެހިރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވަވާނެ އެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީއަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު މުޙައްމަދު ޚަލީލްއާއި، މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީ އެވެ.

އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ކައުންސިލަކީ ޖަމްއިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމާ ބެހޭ ގޮތް ކަނޑައަޅައި، އިސްލާމިކް ސަމިޓްގައި ޤައުމުތަކުގެ ވެރިން ނިންމަވާ ނިންމެވުންތައް ތަންފީޒުކުރެވެމުންދާ މިންވަރު މޮނީޓަރކޮށް، އުއްމަތުގެ މުހިއްމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާ ކައުންސިލެވެ. ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރާނީ އޯ.އައި.ސީ ސެކްރެޓޭރިއޭޓުންނެވެ.

ދިވެހިރާއްޖެއިން އޯ.އައި.ސީގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އެޖަމްއިއްޔާގެ ޙަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެއެވެ. އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމު އޮވެއެވެ.

- ކޮމެންޓް