ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބޮލްގާ ޔާމީން ރަޝީދު މަރާލި މީހުން ހޯދުން ލަސްވުމަކީ މާލޭ ސިޓީގައި ދިރިއުޅޭ ރައައްޔިތުންނަށް އޮތް ބޮޑު ބިރެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔާމީން ރަޝީދު މަރާލިތާ 24 ގަޑިއިރަށްވުރެ ގިނަ އިރުވެފައިވާއިރު މިހާތަނަށް ހައްޔަރު ކޮށްފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުންގެ ސީރިޔަސް އެންޑް އޮގަނައިޒް ކްރައިމް ޑީޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް މިކަމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން ހިއްސާކޮށްފައި ނުވުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެެ.
ޔާމީން ރަޝީދު މަރާލާފައި ވަނީ ކުރިން އިންޒާރު ދިނުމަށްފަހުކަން މީޑިއާތަކުން އެނގެން އޮތްއިރު އަދި މާލޭގެ މަގުތަކަކީ ކެމެރާ ހަރުކޮށްފައިވާ މަގުތަކަކަށް ވާއިރު މިކަމުގައި ޝާމިލްވާ މީހުން ހޯދުން ލަސްވަމުންދާ ދިއުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިހުސާސް ކުރަން ޖެހިފައިވާ ބޮޑު ބިރެއް ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ،
މިފަދަ ކަންކަން ނުހުއްޓުވި ތަކުރާރުވަމުންދާކަމީ މިއަދު މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެން ކަމުން މާލޭ ސިޓީގައި މިހާރު އާންމުވެފައިވާ މާރާމާރީތައް ހުއްޓުވައި މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ،