ހޮނިހިރު ދުވަހުގެ ރޭ ރަހުމު ކުޑަ ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް، އަދި ބްލޮގަރ ޔާމީން ރަޝީދު ކޮށްފައިވާ އެންމެ ފަހުގެ ޓްވީޓަކީ ރަތްކުލައިގެ ފުއްޕާ ހަމެކެވެ. އެހެންވެ، ޔާމީންގެ ހަނދާން ރަމްޒުކޮށް ދިނުމުގެ ގޮތުންނާއި އޭނާ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލި އެވެ.
އާޓިފިޝަލް ބީޗްގައި ހޯމަ ދުވަހު ހަވީރު ބޭއްވި ހަރަކާތުގައި ނޫސްވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި މަދަނީ ޖަމިއްޔާ ތަކާއި ސިޔާސީ ބައެއް ބޭފުޅުންގެ އިތުރުން ޔާމީން ރަޝީދުގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ބައިވެރިވި އެވެ. އަދި އާންމުން ވެސް ބައިވެރިވި އެވެ.
މި ހަރަކާތުގައި ފުރަތަމަ އެއް މިނެޓްގެ ސްކޫތެއް ގެނައެވެ. އެއަށް ފަހު އެންމެން އެއްފަހަރާ ފުއްޕާހަންތައް ވައިގެ ތެރެއަށް ދޫކޮށްލި އެވެ.
ރާއްޖެޓީވީގެ ނިއުސް ޑައިރެކްޓަރު އަލީ ޔޫސުފް ވިދާޅުވީ ކޮންމެ ނޫސްވެރިއަކުން ވެސް މަސައްކަތް ކުރަނީ މަރުދެކެ ބިރު ނުގަނެ ކަމަށާއި ނަމަވެސް، ޔާމީން ގޮތަށް ކުއްލި ގޮތަކަށް ފުރާނަ ދުއްވާލުމަކީ ނޫސްވެރިންނަށް ސިހުން ލިބޭނެ ކަމެއް ކަމަށެވެ. މަރުގެ އިންޒާރުތަކެއް ފުލުފުލުގައި ދެމުން ދަނިކޮށް، ޔާމީން މަރާލުމަކީ އެކަމުގެ ޒިންމާ ކޮންމެވެސް ބަޔަކު ނަގަންޖެހޭނެ ކަމެއް ކަމަށް އަލީ ޔޫސުފް ވިދާޅުވި އެވެ.
މިކަމުގައި ބްރޯޑްކާސްޓިން ކޮމިޝަނުންނާއި ފުލުހުންނާއި ސިފައިން ވެސް މައާފަށް އެދެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހްމަދު ތޮލާލު ވިދާޅުވީ ޔާމީން ރަޝީދުއަކީ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރި ޒުވާނެއް ކަމަށައި "އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ ވަރަށް ރަނގަޅު އިންސާނެއް" ކަމަށެވެ.
ޔާމީނު މަރާލާފައި އޮތީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޓި ކައިރީގަ އެވެ. އޭނާ މަރާލިތާ 24 ގަޑިއިރު ވެފައިވާއިރު، މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން މިހާރު ވަނީ މި މައްސަލައިގައި ތުހްމަތުކުރެވޭ މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ގޮވާލައިފަ އެވެ.